މި އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި [ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ކުރެއްވި ފުރަތަމަ ބިލެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި ބިލް ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ބިލް ތަޞްދީޤު ކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާ އާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނަށް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ކޮންމެ ތިން އަންހެނުންކުރެ އެއް އަންހެނަކީ ކޮންމެވެސް ސިފައެއްގައި އެމީހެއްގެ ހަޔާތުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ މީހުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން ގިނަފަހަރަށް ހިނގާފައި ހުންނަނީ، ގޭތެރޭގައި ކަމަށާއި، އެހެންކަމުން، މިއަދު ތަޞްދީޤު ކުރެވުނު ޤާނޫނުގެ ސަބަބުން އަންހެނުންނަށާއި އަންހެންކުދިންނަށް ވަރަށް ބޮޑު ޙިމާޔަތެއް ލިބިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި، އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. ގެވެށި އަނިޔާކަމަށް، މި ޤާނޫނުގެ މަޤްޞަދަށްޓަކައި ބުނެފައިވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ ޢަމަލެއް ހިންގުމަށެވެ.

މި ޤާނޫނުން ޙާޞިލު ކުރަން ބޭނުންވާ މައިގަނޑު އަމާޒުތަކުގެ ތެރޭގައި، ގެވެށި އަނިޔާގެ ހަމަ ކޮންމެ ޢަމަލަކީ، ކޮންމެ ޙާލަތެއްގައި، ކޮންމެ ގޮތަކަށް، ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގިނަމަވެސް، ކަނޑައެޅިގެން ޤާނޫނާ ޚިލާފު ޢަމަލެއްކަން ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފި ޙާލަތެއްގައި، އެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އެންމެ ޚަރަދުކުޑަކޮށް، އެންމެ އަވަހަށް، އަދި އޭނާއަށް އެންމެ ލުއިފަސޭހަ މަރުޙަލާއެއްގެ ތެރެއިން އިންސާފު ހޯދައިދިނުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ، ދުޅަހެޔޮ ޞިއްޙަތަކަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަކޮށްދިނުމަށް އެކަށީގެންވާ ޕްރޮގްރާމްތައް ހިންގައިދިނުމާއި، ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންގެ ޢަމަލުތައް ހުއްޓުވައި އަދި އެފަދަ މީހުން އިޞްލާޙުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ. ހަމައެއާއެކު ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެގޮތުން، ޝަރީޢަތުން ކުރާ އަމުރުތަކާއި، ޤާނޫނީ ބާރު ލިބިގެން ދައުލަތުގެ އެހެން މުއައްސަސާތަކުން ކުރާ އަމުރުތައް ތަންފީޛުކުރެވޭނެގޮތް ހެދުމާއި، ގެވެށި އަނިޔާގެ ޢަމަލުތަކާގުޅޭ ޚާއްޞަ ސިފަތަކާއި ކަންކަމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވައި، އެފަދަ ފަރާތްތަކުގެ ކަމާގުޅޭ ޤާބިލުކަން އިތުރުކޮށްދިނުންވެސް މި ޤާނޫނުން ޙާޞިލުކުރަން ބޭނުންވާ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނު ތަޞްދީޤު ކުރެއްވުމާއެކު މި ޤާނޫނުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް އުފެދުނީއެވެ. މި އޮތޯރިޓީ ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ 7 މެންބަރުންގެ ބޯޑެއްގެ ބެއްލެވުމުގެ ދަށުންނެވެ. އެ 7 މެންބަރުންގެ ބޯޑު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ޢައްޔަން ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.