ޕާކިސްތާނުގެ އެއަރލައިނެއް ކަމަށްވާ ބޯޖާ އެއަރގެ މަތިންދާބޯޓެއް އިސްލާމާބާދަށް ޖައްސަން އަންނަނިކޮށް ބޯޓު ވެއްޓި، އެ ބޯޓުން ދަތުރުކުރި އެންމެން މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހިސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ޒަރްދާރީއަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.