ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބެއް ބޭއްވޭ އެންމެ އަވަސް ތާރީޚް ކަމުގައިވާ ޖުލައި 2013ގައި އިންތިޚާބު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފިއެވެ. ޑީ.އާރ.ޕީ، ޕީ.ޕީ.އެމް އަދި ޖުމްހޫރީ ޕާޓީފަދަ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަދި އެ ޕާޓީތަކަށް ތާއީދުކުރާ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ ތަރުޙީބު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލިބިވަޑައިގެންފައެވެ.
 

މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ދައުރަކީ، ކޮމަންވެލްތް މެންބަރު ޤައުމުތަކުން އެ ޤައުމުތަކުގެ ޤާނޫނުއަސާސީ ޙިމާޔަތްކޮށް ދިފާޢުކުރޭތޯ ބެލުން ކަމުގައި ވީހިނދު، ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ހާލަތްތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، މިކަން ސީމެގަށް ސާފުކޮށް އެނގުމުން، ޖުލައި 2013ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ތާރީޚަށް އެ ގްރޫޕުން ތާއީދުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތްކަމަށްވެސް މި ބޔާނުގައި ހާމަކުރައްވާފައިވެއެވެ.
 

ޖުލައި 2013ގެ ކުރިން އިންތިޙާބެއް ބޭއްވުމަށް އެމް.ޑީ.ޕީ.އިން ގޮވާލާ ގޮވާލުމަކީ، ފާއިތުވެދިޔަ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ކުރަމުންދިޔަ ކަންތައްތަކުގެ މައްޗަށް އިތުރަށް އަލިއަޅުވާލާ ކަމެއްކަންވެސް ފާހަގަކުރައްވާފައިއެވެ