ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުވައިތުގެ ޕާލަމެންޓްގެ ކުރީގެ މެންބަރެއް ކަމުގައިވާ ޑޮކްޓަރ ޙަމަދު އަލް ތުވައިޖްރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ތުވައިޖްރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކުވައިތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ. މި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ކުވައިތުން ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންވެސްޓަރުންގެ ސަލާމަތާއި ޔަޤީންކަން އިތުރުކުރެވޭފަދަ މާޙައުލެއް ރާއްޖޭގައި އުފެދިފައިވާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު އަސަރުކޮށް ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.