ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށާއި، ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާގައި، އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ދެބޭފުޅުން ކަމަށްވާ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލްފާޟިލް ޢަބްދުﷲ ޖާބިރަށާއި، ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓް އަލްފާޟިލް އަޙްމަދު ޝަރީފް އާދަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވި ޢަބްދުﷲ ޖާބިރަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ލިބިވަޑައިގެންފައިވަނީ 1107 ވޯޓެވެ. ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވި އަޙްމަދު ޝަރީފް އާދަމަށް ލިބިވަޑައިގެންފައިވަނީ 1756 ވޯޓެވެ.

ސަރުކާރުގައި ބައިވެރިވެފައިވާ އިއްތިހާދުގެ ދެބޭފުޅުންނަށް އެންމެގިނަ ވޯޓް ލިބިވަޑައިގެންނެވިކަން އެއީ، ސަރުކާރަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.