ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އަލުން އެކުލަވައިލައްވައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އަލުން ޢައްޔަން ކުރެއްވީ، އެކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ކޮމިޓީގެ އާ ޗެއަރމަނަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ ސިގްމާ އަލްއުސްތާޛު ޢަބްދުﷲ އާދަމާއި، މާފަންނު މަޚްމާވިލާ އަލްފާޟިލް އިބްރާހީމް އިސްމާޢީލާއި، މައްޗަންގޮޅީ ފިއަވަނި އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މައްޗަންގޮޅީ ދަގަނޑުކެނޑިގޭ އަލްފާޟިލާ ފާޠިމަތު ޢާފިޔާ އާއި، ހެންވޭރު މާދޫގޭ އަލްފާޟިލް ޙުސައިން ޢާމިރާއި، މާފަންނު ހަޒާރުމާގޭ އަލްފާޟިލް އަޙްމަދު ވަޖީހާއި، މާލެ ވިލިނގިލީ އަވަށު ފަހިދޫ އަލްފާޟިލާ ޝުހުދާ ފުއާދެވެ.

މިބޭފުޅުންގެ ތެރެއިން އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، އަލްފާޟިލާ ފާޠިމަތު ޢާފިޔާއާއި، އަލްފާޟިލް ޙުސައިން ޢާމިރަކީ، ކުރިންވެސް ޤައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ.