ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޔޫ.އޭ.އީގެ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް މުޙަންމަދު އައްޝާލީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން، މުޙަންމަދު އައްޝާލީއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އެރުވިއެވެ. އަދި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

ޔޫ.އޭ.އީގެ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީގެ ފަރާތުން ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.