ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މުންޑުއަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށަކީ ސުނާމީގެ އަސަރު ކުރި ރަށެއްކަން ފާހަގަކުރައްވަމުން، ސުނާމީގެ އަސަރުކުރި އެކިއެކި ޢާއިލާތަކަށް ދައުލަތުގެ ފަރާތުން ދެއްވަން ކަނޑައަޅުއްވާފައި އޮތް އެހީތައް ފުރިހަމައަށް ލިބިގެން ގޮސްފައިނުވާތީ، އެކަމަށްޓަކައި ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މުންޑޫ ރައްޔިތުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދުމަށްޓަކައި ރަށު ކައުންސިލްގެ މެންބަރުންނާއެކީ މަޝްވަރާ ކުރެވި، ރަށަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތްތަކެއް އެބަ ކުރައްވަންޖެހޭކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ރަށު ކައުންސިލްގެ ފަރާތުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައި، މިރަށުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ދެން ކުރަންޖެހޭ ކަންތައްތައް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބަޖެޓް ކިތަންމެ ދަތި ކަމުގައިވިނަމަވެސް، ކޮންމެވެސް ގޮތަކުން އެކަންކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުންޑުއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ މުންޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ދެން ވަޑައިގަތީ ގަމަށެވެ.