ޤައުމަށް މިވަގުތު ކުރިމަތިވެފައިވާ އެކިއެކި ކަންކަން ޙައްލުކުރުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ވަކި ޕާޓީއަކަށް ވިސްނުމެއްނެތި ޤައުމުގެ މަޞްލަޙަތު ކުރިއަރުވައިގެން، އެކުވެރިކަމާ އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މާބައިދުއަށް މިއަދު މެންދުރުފަހު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންވެސް ވީހާވެސް ބޮޑަކަށް، ރަށާއި ޤައުމުގެ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެން، އެކީގައި މަސައްކަތް ކުރެވިއްޖެނަމަ، މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނާކަށް އެއްގޮތަކަށްވެސް އުނދަގޫވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުވެސް މަސައްކަތްޕުޅު ކުރައްވާނީ، ތަރައްޤީގެ ރަނގަޅު މިޞްރާބަކަށް ގެންދިޔުމަށްޓަކައި، ހަމަ މިމޭރުމުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި ދަތިތަކާ އެކީގައިވެސް ސަރުކާރުން މަސައްކަތް ކުރައްވާނީ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެއްވޭތޯއެވެ. އެގޮތުން، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދެއްވޭތޯ މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވަމުން، ދައުލަތުގެ ފަރާތުން ދެއްވާ އެހެނިހެން ޢިނާޔަތްތައްވެސް މެދުކެނޑުމެއްނެތި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.