ޙާއްޞަކޮށް ކުދި އާބާދީތަކަށް އަހަންމިއްޔަތުކަން ދެއްވައިގެން، ރައްޔިތުންގެ ކަންތައްތައް މިސަރުކާރުގެ ފަރާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ގާދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ އިސް ބޭފުޅަކު ގާދުއަށް ވަޑައިނުގެން މިހާގިނަދުވަސްވީ ކަމަށްޓަކައި ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވެ، ޚުދު އެމަނިކުފާނަށް ވަޑައިނުގެންނެވުނު ކަމުގައިވީނަމަވެސް، އެމަނިކުފާނުގެ ކެބިނެޓްގެ ކޮންމެވެސް އެއްބޭފުޅަކު، ކޮންމެ ރަށަކަށްވެސް މިއަހަރު ޒިޔާރަތް ކުރެއްވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދާންޖެހޭނެ، އަޅުގަނޑުމެންގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް ގޮސް ރައްޔިތުންގެ ޙާލު ހުރިނެތްގޮތް އަޅުގަނޑުމެން ޖެހޭނެ ބަލަން. ބަލާފައި، އެވަގުތަކު ކޮށްދެވެންހުރި ކަންތައް ދައުލަތުގެ ފަރާތުން ކޮށްދިނުމަކީ އެއީ އަޅުގަނޑުމެންގެ ވާޖިބު"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އާބާދީ ކިތަންމެ ކުޑަޔަސް، އެ ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކާއި ޚިދްމަތްތައް ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަގޮތުގައި އެބަ ލިބިދޭންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އަސާސީ ޚިދުމަތްތައް ދިނުމާއި، އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ، ވަރަށްބޮޑު ޚަރަދެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަންތައްތައް ކަމުގައި ބަޔާންކުރައްވަމުން، ކުދި ޖަމާޢަތްތަކާ ދޭތެރޭގައި ތަފާތު ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ގާދޫ ރައްޔިތުން ފާހަގަކުރައްވާފައިވާ ދަތިތައް ޙައްލުކުރެއްވުމުގައި މިކަން ކުރެވެން އޮތްގޮތެއް ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، މިކަންކަން ނިންމަވާނީ ރައްޔިތުންނާ މަޝްވަރާކުރައްވައި ރައްޔިތުން އެދޭ އަދި ޑިމޮކްރެޓިކް ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގާދުއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.