ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާޅޮސްމަޑުލު އުތުރުބުރީ މީދުއާއި، މަޑުއްވަރީ ކައުންސިލްތަކުގެ ބައެއް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މި ދެރަށުގެ ރައްޔިތުންގެ ފަރާތުން މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދެންނެވިއެވެ. އަދި މި މަހުގެ 19ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާން އިއްވެވުމުގައި ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ތަޢުރީފް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މި ދެރަށުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކާބެހޭ މަޢުލޫމާތާއި، ރައްޔިތުންގެ ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާއާ މެންބަރުން ޙިއްޞާ ކުރެއްވިއެވެ. އެގޮތުން، ކަރަންޓްގެ ޚިދުމަތާއި، ރަށް ގިރުމުގެ މައްސަލަ، ވަކިން ޚާއްސަކޮށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީދުއަށާއި މަޑުއްވަރިއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، މި ބައްދަލުކުރެއްވުމުގައި މެންބަރުން އެމަނިކުފާނަށް ދަޢުވަތު އެރުވިއެވެ. މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ކައިރި މުސްތަޤްބަލެއްގައި ރ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.