ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ތަރައްޤީ ކުރުމަށް ރޭވިފައިވާ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން މިފަދަ އެއަރޕޯޓްތައް ތަރައްޤީ ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް މިނިންމެވީ، މިއަދު އޮތް އެމަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މިގޮތުން ޚާއްޞަކޮށް، ށ. ފުނަދުއާއި ތ. ތިމަރަފުށީގައި ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ވައިގެ ބަނދަރުތައް، ވީހާ އަވަހަކަށް ތަރައްޤީ ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމާ ބެހޭގޮތުން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖޭގައި ޞިއްޙީ ޚިދްމަތް ފޯރުކޮށްދޭ އަމިއްލަ ކްލިނިކްތަކަށް އެއްހަމައަކުން، އެއްތަން އަނެއްތަނާ ތަފާތުނުކޮށް ހުއްދަ ދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން، 15 މެއި 2012 އިން ފެށިގެން އާސަންދައިގެ ޚިދުމަތް ދިނުމުގެ ފުރުޞަތު، އަމިއްލަ ކްލިނިކްތަކަށް ހުޅުވާލެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ބިންބިމާއި ތަންތަނުގެ ތެރެއިން އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކީ ޚިދުމަތް ދޭންޖެހޭގޮތަށް ހެދިފައި ހުރި ތަންތަން، އަލުން އަނބުރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެ ދަށަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ. މިގޮތުން، މާލޭގައި ހުރި ދަރުބާރުގެއަކީ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސަރުކާރާއި ދައުލަތުގެ މުހިންމު ބޭނުންތަކަށް، މާލެއާއި މާލޭ ސަރަޙައްދުގައި ޤާއިމުވެފައިވާ މިފަދަ ހަމައެކަނި ވަސީލަތް ކަމަށްވުމާއެކު، މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ބިންތަކުގެ ދަފްތަރުން ދަރުބާރުގެ އުނިކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެ ދަށަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޔުޓިލިޓީޒް ކުންފުނިތައް އެއްފުރާޅެއްގެ ދަށުން ހިނގާގޮތަށް ހަމަޖައްސަވައި، ލާމަރުކަޒީ އުޞޫލުން ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އަތޮޅުތަކަށް ދިނުމަށް، މައި އެއްކުންފުނި އުފެއްދެވުމަށް ނިންމެވިއެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ބައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިންގަވަމުން ގެންދަވާ ގޮތަށްވެސް ނިންމެވިއެވެ.