ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ސަރުކާރަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، މުލަކަތޮޅު އަތޮޅު ކައުންސިލްތަކުގެ މެންބަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވައިފިއެވެ. މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މިބައްދަލުކުރެއްވުންތަކުގައި، ސަރުކާރާ ދޭތެރޭގައި، އެ ރަށްރަށުގެ ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް، ވަފްދުތަކުން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަވަސް އިންތިޚާބެއް ނުބޭއްވެވުމަށާއި، އިސްތިޢުފާ ނުދެއްވުމަށް، މި ވަފްދުތަކުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގަތެވެ.

މުލަކަތޮޅު ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކާބެހޭ މަޢުލޫމާތު، ކައުންސިލްތަކުގެ މެންބަރުން، މިބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި މުލަކަތޮޅު ވަނީ ވަރަށް ބޮޑަށް އިހުމާލުކުރެވިފައި ކަމުގައި ވިދާޅުވެ، މިރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ދިނުމަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުލަކަތޮޅު ކައުންސިލްތަކުގެ މެންބަރުންނާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމުގައި، ރައްޔިތުންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކީ މަސައްކަތްޕުޅު ކުރެއްވުމުގައި، އިރާދަކުރެއްވިއްޔާ ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅު ރަށްރަށަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، މުލަކަތޮޅު އަތޮޅު ކައުންސިލްތަކުގެ މެންބަރުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ.