ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޖޮންގްމޫން ޗޮއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ދެކުނު ކޮރެއާ ސަފީރާއެކު ޙިއްޞާ ކުރައްވަމުން، އެމަނިކުފާނު މަސައްކަތް ކުރައްވަނީ، ހުރިހާ ޕާޓީތަކަކާއެކު މަޝްވަރާ ކުރައްވައިގެން، މައްސަލަ ޙައްލު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އަވަސް އިންތިޚާބަކަށްވެސް ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް، މިކަން ކުރެވެން އޮތީ، ޤާނޫނުއަސާސީ އިޞްލާޙް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، މިކަމުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބުތައް ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ، ސަފީރަށް ދެއްވިއެވެ.

ދެކުނު ކޮރެއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަވާލުވެވަޑައިގެންފައިވާތީ، އެކަމަށްޓަކައި ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވިއެވެ.

ދެޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދުގައިވާ ގުޅުން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމަށާއި، ފަތުރުވެރިކަމާއި، ތިމާވެށި އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި، ދެޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.