މި ރާއްޖޭގައި މިއޮތީ ޚުދުމުޚުތާރު ވެރިކަމެއް ނޫން ކަމަށާއި، މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ހުރިހާ ފަރާތްތަކާއެކުވެސް މަޝްވަރާ ކުރައްވައިގެން ޤާނޫނުއަސާސީގައިވާ ގޮތަށް ކަންކަން ނިންމެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ބީ.ބީ.ސީ އިން ފޮނުވި "ބީ.ބީ.ސީ. ހާޑް ޓޯކް" ޕްރޮގްރާމްގައި މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ، ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީތަކާ މަޝްވަރާ ކުރައްވައިގެން އެފަރާތްތަކާ އެކީގައި ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީ.އަށްވެސް މިގޮތަށް އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އަދި އެމް.ޑީ.ޕީ.އިން ބޭނުންވަނީ، ހަމަ އެންމެ ކަމަކާމެދު މަޝްވަރާ ކުރަން ކަމަށާއި، އެއީ، އިންތިޚާބެއްގެ ތާރީޚެއް ހޯދުން ކަމުގައި ވިދާޅުވިއެވެ.

އަވަސް އިންތިޚާބެއް ބޭއްވުމަށް އެއްވެސް އިޢުތިރާޒެއް ނެތް ކަމަށާއި، އެހެންނަމަވެސް، އިންތިޚާބެއް ބޭއްވޭނެ ތާރީޚެއް ކަނޑައެޅުއްވޭނީ، ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އެފަދަ ބާރެއް ލިބިވަޑައިގެންފައިނުވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ "ބީ.ބީ.ސީ ހާޑް ޓޯކް" ޕްރޮގްރާމްގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވިގޮތް ތަޙުޤީޤު ކުރެއްވުމަށް، މިހާރު ކޮމިޝަނެއް އެކުލަވާލައްވާފައިވާ ކަމަށާއި، މި ކޮމިޝަންގައި ރާއްޖޭން ބޭރުގެ ފަރާތެއް ހިމެނުމަކީ، އެމަނިކުފާނު އިޢުތިރާޒު ކުރައްވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. މި ކޮމިޓީއަކީ ވަރަށް މިނިވަން ކޮމިޓީއަކަށްވުމާއެކު، އެކަންވެސް ނިންމަވާނީ، އެކޮމިޓީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއެވެ. އަދި މިކަމުގައި މިހާރުވެސް ކޮމަންވެލްތާ އެކީގައި، ވަރަށް ގާތުން މަސައްކަތް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ހިނގައިދިޔަގޮތް ބެލުމަށް، ކޮންމެ ފަރާތަކުން އަޔަސް، އެކަމަށް މަރްޙަބާ ވިދާޅުވާނެ ކަމަށާއި، ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވަނީ، އަމިއްލަފުޅަށް އެއްވެސް މަޖްބޫރުކަމެއްނެތި ކަމަށެވެ.