މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތައް، ސަރުކާރުގެ އެހެން ބައެއް ދާއިރާތަކަށް ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، އެމިނިސްޓްރީއިން ކުރައްވާ ބައެއް މަސައްކަތްތަކާއި، އެހެން ބައެއް ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ފުށުއަރާފަދަ ކަންތައްތަކެއް ހުރުމާއެކު، އެކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމަކީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކުރައްވާ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި ރާއްޖޭގައި އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އެ އޭޖެންސީތަކުން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް، އެ އޭޖެންސީތަކަށް އެހީތެރިވުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، މިކަމާ ބެހޭގޮތުން ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބަދަލުކުރެއްވުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، ވަޒީފާގެ ބާޒާރާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، ދިރާސާތައް ކުރުމާއި، ވަޒީފާގެ ބާޒާރާބެހޭ މަޢުލޫމާތު ޝާއިޢުކޮށް، ޢާންމުކޮށް ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތަކީވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވާ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވިއެވެ.