ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން ޕްރޮމޯޓް ކުރުމުގެ މަޝްރޫޢުގައި ބައިވެރިވާ އެކިފަރާތްތައް، އެމަޝްރޫޢު ކާމިޔާބު ކުރެއްވުމަށް، އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މާލޭގައި ސާފު ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢު، ޖަޕާން ސަރުކާރުން ދިވެހި ސަރުކާރާ ޙަވާލުކުރުމަށް ހިރިޔާ ސްކޫލްގައި މިއަދު މެންދުރުކުރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރާ، އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމުގައިވިޔަސް، ޖައްވަށް ކާބަން ބޭރުވާ މިންވަރު މަދުކުރުމަށް، ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ، ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެކުރީ ސަފުގައި ކަމަށް ވިދާޅުވިއެވެ.

ޖައްވަށް ކާބަން ބޭރުވާ މިންވަރު މަދުކުރުމަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖެ އަދިވެސް އޮތީ ތިމާވެށީގެ ރައްކާތެރިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ސާބިތުވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަސައްކަތްތަކުގައި ދުނިޔޭގެ އެހެން ކުދި ޖަޒީރާ ޤައުމުތަކާއި، ތިރި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ތެޔޮ އެތެރެކުރުމަށް ޚަރަދުކުރަން ޖެހޭއިރު، އިޢާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމަކީ ތިމާވެށީގެ ރޮނގުން ގެނެވޭ ހެޔޮ ބަދަލެއްގެ އިތުރަށް، އިޤްތިޞާދީ ގޮތުންވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މާލޭގައި ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ ލޯން އެހީގައި ރާއްޖޭގައި ހިންގަވާ މިޕްރޮގްރާމްގެ ދަށުން ހިރިޔާ ސްކޫލްގައި ހަރުކޮށްފައިވާ، އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވިއެވެ. ހިރިޔާ ސްކޫލްގެ އިތުރުން، މިމަޝްރޫޢުގެ ދަށުން މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަނާއި، ތާޖުއްދީން ސްކޫލާއި، ސްޓެލްކޯ އިމާރާތުގައިވެސް ސޯލާ ޕެނަލް ހަރުކޮށްފައެވެ.