ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ނޮބްހީޓޯ ހޯބޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މިދިޔަ އަހަރު ޖަޕާނަށް އައި ސުނާމީ ކާރިޘާއަށް އިއްޔެ 1 އަހަރު ފުރުމާ ގުޅިގެން، އެކަން ފާހަގަކުރައްވައި، މި ކާރިޘާއަށްފަހު ޤައުމު ބިނާކުރުމަށް ޖަޕާނު ސަރުކާރާއި ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި، ޖަޕާނުގެ މި ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް ރަނގަޅު ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށާއި، މިފަދަ ކާރިޘާތަކުން އަރައިގަތުމަށް ދެވޭ ތަމްރީންތަކުގައިވެސް ޖަޕާނުގެ މި ތަޖުރިބާގެ ބޭނުން ހިފިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޖަޕާނު ސަފީރާއެކު ޙިއްޞާ ކުރައްވަމުން، އެމަނިކުފާނު މަސައްކަތްކުރައްވަނީ ހުރިހާ ޕާޓީތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަ ޙައްލު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އަވަސް އިންތިޙާބަކަށްވެސް ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް މިކަން ކުރެވެން އޮތީ ޤާނޫނުއަސާސީ އިޞްލާޙް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މިކަމުގައި މަޝްވަރާގެ މުހިންމުކަން ސަފީރުވެސް ފާހަގަކުރެއްވިއެވެ.