މިއަދު އަޅުގަނޑުމެން މިތިބީ، ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދައިގެ ހިޔަލުގައި، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ބެލުމެއްނެތި، ޤައުމުގެ މުސްތަޤްބަލަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު މާއުނގޫދުއަށް ވަޑައިގެން، މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގައި ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ޕާޓީތަކެއް، މިއަދުގެ ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީ.ވެސް މި ސަރުކާރާ އެކީގައި އަތުގުޅާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންގޮސް، ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވޭނީ، އެކީގައި މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ޕާޓީތަކަކަށް ބައިބައިކޮށްލައިގެން، އެއްބަޔަކު ވެރިކަމަށް އައިސްގެން، ދެންތިބި އެންމެން އެކަހެރިކޮށްލައިގެން، ޤައުމު ކުރިއަށް ގެންދެވޭކަށް ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް، އެންމެން ބައިވެރިކޮށްގެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެން ކުރިއަށްދާން އެބަޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޤައުމަށް އައިސްފައިވާ ހެޔޮ ބަދަލުގެ ސަބަބުން އަޅުގަނޑުމެން މަސައްކަތް ކުރާނީ، ޤައުމުގެ ނައު، އަމާން ބަނދަރަކަށް ގެންދެވޭތޯ ކަމަށާއި، އިސްލާމްދީނުގެ އުޞޫލުތަކަށް އިޙްތިރާމްކޮށް، ޤާނޫނުއަސާސީ ދަމަހައްޓައި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތައި، ޤަޥާޢިދުތަކަށް ބޯލަނބައި، ޤައުމު ހެޔޮ މަގެއްގައި ކުރިއަށް ގެންދިޔުމަށް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރުމަށްޓަކައި، އާ ޤާނޫނުއަސާސީއެއް ފާސްކޮށް، 2008 ވަނަ އަހަރު ވެރިކަން ބަދަލުކުރީ، ދިވެހި ޤައުމު ކުރިއަށްވުރެ ރަނގަޅު މިޞްރާބެއްގައި ޑިމޮކްރަސީއާ ދިމާއަށް ދަތުރުކުރުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޑިމޮކްރަސީގެ މަގުން ދިވެހި ޤައުމު ކައްސާލައި، އެހެން ދިމާއަކަށް މިޞްރާބުޖަހަން ފެށިތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފަށް ރައްޔިތުންގެ ޙައްޤުތަކަށާއި ފަރުދީ މިނިވަން ކަމަށް އެއްވެސް ބެލުމެއްނެތި، ސަރުކާރު ހިންގަވަން ތިއްބެވި ބައެއް ބޭފުޅުން، ޤައުމުގެ މިޞްރާބު ކަސިޔާރުކޮށްލެއްވީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.