ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ބެލެހެއްޓުމުގައި، މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. "ޤާނޫނުއަސާސީގެ ދަށުން އަދި ރައްޔިތުން އަޅުގަނޑަށްވެސް ދެއްވި ވޯޓުގެ ދަށުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތު، ވަރަށް ސާބިތުކަމާއެކީގައި އަޅުގަނޑު އަދާކުރަމުން ގެންދާނެ ވާހަކަ، ތިޔަބޭފުޅުންނަށް ދަންނަވަން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމަށް އައިސްފައިމިވާ ބަދަލުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ބަދަލަކީ ވަރަށް ކުއްލި ގޮތަކަށް އައި ބަދަލެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކިތަންމެ ކަމެއް ހުރުމުގެ ސަބަބުން ރައްޔިތުން އެކަމާ ނުރުހުންފާޅުކޮށް، ކުރީގެ ރައީސް ޢަމަލު ކުރައްވަމުން ގެންދެވި ބައެއް ކަންކަމާމެދު، ވަކިން ޚާއްޞަކޮށް، އިސްލާމްދީނަށް ފުރައްސާރަ ކުރުމާ، މިކަހަލަ ކަންތައްތަކެއް ކުރަމުން ގެންދިޔުމުގެ ސަބަބުން ރައްޔިތުންވަނީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ އަސާސީ މިނިވަންކަމާއި ޙައްޤުތައް ލިބިދިނުމަށްޓަކައި ކުރަމުންއައި މަސައްކަތް ވަޅުޖަހާލާކަހަލަ ކަންތައްތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ދިމާވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަކަށް އަޅުގަނޑު ހަމަ އެއްވެސް ކަމެއް ނުކުރާނަން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމަންޑޫ ފާހަގަކުރެވިފައިވަނީ ވަރަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަމަށާއި، އެރަށުގެ ރައްޔިތުންނަކީ، މުރާލި، ރަށްވެހި، ރަށްދެކެ ލޯބިވާ، ރާއްޖޭގެ އެހެން ރައްޔިތުން އިޙްތިރާމްކުރާ، ވަރަށް ރަޙްމަތްތެރި ރަށެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރަށުގެ ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުން އަމިއްލައަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ދައުލަތުގެ ފަރާތުން ކުޑަ އެހީއެއް ދެއްވުމުންވެސް އެރަށުގެ ރައްޔިތުން އަމިއްލައަށްވެސް ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.