އަދުގެ އަންހެން ކުދިންނަކީ މާދަމާ ޤައުމު ބައްޓަންކޮށް ތަރައްޤީ ކުރުމުގެ އެންމެ އިސް ސަފުގައި ފައި ހަމަކުރުމަށް، އަމިއްލަ މިނިވަންކަމާއި ޒިންމާދާރުކަމާއެކު ތިބޭނެ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ، ކޮންމެ ދިވެހި ދަރިއެއްގެ ފަރުދީ ޒިންމާއަކަށް ހެދުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައިވަނީ، މިއަދަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ [ޤައުމު ބައްޓަން ކުރުމަށް – އަންހެނުން] މި ޝިޢާރަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައި ޙިއްޞާކުރަނީ އަންހެނުން ކަމުގައިވީހިނދު، ޤައުމު ބިނާކޮށް ބައްޓަން ކުރުމުގައި އަންހެނުން އިސް ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެ މިއަދު ދެކެމުންމިދާ ސިޔާސީ ބަދަލުތަކާއެކު، އަންހެނުންގެ ތަރައްޤީއަށާއި ސިޔާސީ މައިދާނުގައި، އަންހެނުން އިސް ސަފުގައި ފައިހަމަކުރުމުގެ ދައުރެއް އޮތުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އޭގެ ސަބަބަކީ، މިދަނޑިވަޅަކީ އަންހެނުންގެ ކުރިއެރުމާމެދު ވިސްނައި، މިނިވަންކަމާއެކު ޒިންމާދާރު ގޮތެއްގައި ޚިޔާލުފާޅުކޮށް، ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި، އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބޭނުންވެފައިވާ މުހިންމު ދަނޑިވަޅަކަށްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ރާވާ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފައި، ޤައުމުގެ ކުރިއެރުމަށާއި ލާބައަށް ކުރެވޭ ކަންކަމަށް ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލާ ބަޔަކަށްވެސް އަންހެނުންވާން އެބަޖެހެއެވެ. ކޮންމެ ކަމަކަށްވެސް ތަރައްޤީއާއި ކުރިއެރުން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ޖަމާޢަތުގެ އެއްބާރުލުމާއި އެހީތެރިކަން ލިބި، އެއް އަމާޒަކަށް، އެއް މަޤްޞަދެއްގައި މަސައްކަތް ކޮށްގެންކަން ހަނދާންނައްތާލައިގެން ނުވާނެއެވެ. އަދި މިކަން ހާސިލު ކުރުމުގައި، ދިވެހި ފިރިހެނުންވެސް އަތުކުރި އޮޅާލައިގެން، އަންހެނުންނާއެކުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ، ސަރުކާރުގެ ވަކި ޚާއްޞަ އެއް މުއައްސަސާއަކުން ކުރެވޭނެ މަސައްކަތެއް ނޫން ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ހުރިހާ ދާއިރާތަކަކުންވެސް ކުރާ މަސައްކަތްތަކުގައި ޖެންޑަރގެ ހަމަހަމަކަން ޤާއިމު ކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ކަންތައްތައް ރާވައި ހިންގެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.