ކުރީގެ ރައީސް ނަޝީދުވެސް ޤައުމުދެކެ ލޯބިވެވަޑައިގަންނަވާނަމަ އަދި ޤައުމަށް ހެޔޮއެދިވަޑައިގަންނަވާނަމަ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަޝްވަރާ ކުރެއްވުމަށް ރައީސް ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ދި ޓީ.ވީ. ގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ދި ޓީ.ވީ އިން މިރޭ 8.45 ގައި ފޮނުވި [ރައީސް ޑޮކްޓަރ ވަޙީދާއެކު] މިޕްރޮގްރާމަށް ދެއްވި ބަސްދީގަތުމުގައި، ރައީސް ނަޝީދު އަރިހުގައި މިވަގުތު ވިދާޅުވާން އޮތީ ކޮންވާހަކައެއްތޯ ޕްރެޒެންޓަރ މަސްޢޫދު ޢަލީ ދެންނެވި ސުވާލުގެ ޖަވާބުގައި، އިންތިޚާބެއްގެ ތާރީޚު ނުލިބެނީސް، ވާހަކަވެސް ނުދައްކަވާ ގޮތަށް އަދި އެހެން އެއްވެސް ކަމެއް ނުކުރައްވާ ގޮތަށް ހުންނެވި ހުންނެވުން ދޫކޮށްލައްވައި، އެކީގައި މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ހަލަބޮލިކަން ފިލުވާލައި، ހަމަހިމޭންކަން ގެނެސް، ޤައުމުގެ މުހިންމު މުއައްސަސާތަކުގެ އިތުބާރު އަލުން އުފެއްދުމަށްޓަކައި ކުރަންހުރި ކަންތައްތައް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސްކޮށް، އިންތިޚާބަކަށް ދިޔުމަށްޓަކައި އެކީގައި މަސައްކަތް ކުރެއްވުމަށްވެސް ގޮވާލެއްވިއެވެ.

2013ގެ ކުރިން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ހަނި ފުރްޞަތެއް ނަމަވެސް އެބައޮތްތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމުން، އެ ފުރްޞަތު އެބައޮތް ކަމަށާއި، އެކަން ކުރަންޖެހޭނީ، ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެން ކަމުގައި ވިދާޅުވިއެވެ. ޤާނޫނުއަސާސީއަށް އެބަދަލު ގެނެސްގެން، ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަން ތިއްބެވި ކަމަށްވާނަމަ، އެކަން ކުރައްވަންވީ ކަމަށާއި، އެކަމާމެދު އެއްވެސް އިޢުތިރާޒެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވީ ކޮންކަމެއްތޯ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވުމުން، އޭރު ޙަވާލުކުރައްވާފައި އޮތް މަސައްކަތަކީ، މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، އޭގެ ނަތީޖާވެސް ކޮންމެވެސްވަރަކަށް ފެނި، ޑްރަގްސް ލިބުމުގެ ކަންތައްވެސް، ކޮންމެވެސްވަރަކަށް ކޮންޓްރޯލްވެގެންދިޔަ ކަމުގައި ވިދާޅުވިއެވެ. ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރުވެސް، ރައީސް ނަޝީދު އެހާ ގާތް ގުޅުމެއް ނުބަހައްޓަވާކަން ފާހަގަކުރައްވަމުން، ދެވަނަ ފުރްޞަތުގެ ކުދިން މުޖްތަމަޢަށް ނެރުއްވިއިރުވެސް، އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދު ކުރައްވާފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހާގިނަ ޢަދަދެއްގެ ކުދިން ޖަލުން ދޫކޮށްލިއިރު، އޭގެތެރޭގައި ގިނައީ މަސްތުވާތަކެތީގެ ކުދިން ކަމަށާއި، އެކަމުގެ ސަބަބުން ރަށުތެރެއަށް ވަރަށްބޮޑު ބަދަލުތަކެއް އައިކަމަށްވެސް ވިދާޅުވިއެވެ.

ޤައުމަށް މިއައި ބަދަލުގައި، ކޮންމެވެސް ސަބަބަކާހުރެ ރައީސް ނަޝީދު އިސްތިޢުފާ ދެއްވީމާ، އެ މަގާމާ ޙަވާލުވެވަޑައިގަތީ ކަމަށާއި، މިމަގާމާ ޙަވާލުވެވަޑައިގަތީކީ ގަދަބާރަކުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާލައިދެއްވީމާ، މި ހުންނެވީ ހުވާކުރައްވައިގެން ކަމަށާއި، އެކަން ގަބޫލުނުކުރާ ބަޔަކު ތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ސަބަބަކީ އެމީހުންވެސް ވެރިކަމުގައި ދެމިތިބުން ބޭނުންވުން ކަމަށާއި، އެހެންވީމާ، މިކަހަލަ ޙާލަތަކަށް ޤައުމު މިގެންދަނީ އެއްބަޔަކުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ކެބިނެޓް، އެއްފަހަރާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، އިސްތިޢުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޭރުގެ ރައީސް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިއީ ކޮން ނަތީޖާއެއް ނެރުއްވަން ކުރައްވާ ކަމެއްތޯ ދެންނެވުމުން، ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިޢުފާ ދެއްވުމުން، ރައްޔިތުންނަށް ޝޮކެއް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ކަންތަކުގައި، ރައީސް މައުމޫން، އެކަމުގެ އަޑީގައި ހުންނެވި ކަމަށް ގަބޫލުފުޅު ކުރެއްވޭތޯ ދެންނެވުމުން، އެކަން އެއްގޮތަކަށްވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، މިއީ މީހަކު އަޑީގައި ހުރެގެން ކުރި ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވަރަށްގިނަ ދުވަސްތަކެއް ވަންދެން ރަށުތެރޭގައި މުޒާހަރާތައްކޮށް، ރައީސް ނަޝީދުގެ އިސްތިޢުފާއަށް ގޮވަމުން އައިސް، އެންމެފަހުން އެކަން ކޮންޓްރޯލް ކުރެއްވުމަށްޓަކައި ރައީސް ނަޝީދު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން ކުރައްވަމުން ގެންދެވި ކަންތައްތައް ކޮންޓްރޯލުން ނެއްޓިގެންދިޔައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އެންމެފަހުން ކޮންޓްރޯލުން ނެއްޓިގެންގޮސް، އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިސްތިޢުފާ ދެއްވާ ވާހަކަ ވަގުތުން އިޢުލާނު ކުރެއްވިއިރު، މަޖުބޫރުވެގެން އިސްތިޢުފާ ދެއްވާ ވާހަކަ ވިދާޅުނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެން އެ ވިދާޅުވީ، ޙަޤީޤަތުގައިވެސް އެއްވެސް މަޖުބޫރުކަމެއް ނެތީމާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމު ވަރަށް ބޮޑަށް ބައިބައިވެފައި އޮތްއިރު، އެކުވެރިކަން އާލާކުރުމަށްޓަކައި ކޮންކަހަލަ މަސައްކަތްޕުޅުތަކެއް ކުރައްވާނަންތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމުން، މަގާމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހުރިހާ އެންމެން ގޮވައިގެން އުޅުއްވޭތޯ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގިނިކަންޏާ މިކަންކަން ކުރައްވަން އުޅުއްވައިގެން، މިކަން ނުވެސްވާނެ ކަމަށާއި، އޭގެ ސަބަބުން ނުކުންނާނީ ނުބައި ނަތީޖާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެހެން ފަރާތްތަކުގެ މަޝްވަރާ ނުހޯއްދަވައި، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައް ކުރެއްވުމަކީ، ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި ފެނިގެން މިދިޔައީ، އެކަކަށް ފެންނަ ގޮތްތަކެއް ބޮޑަށް އިސްކުރެވިގެން، އެހެން މީހުންގެ ޚިޔާލުތައް އެހާ ބޮޑަށް ބައިވެރިނުކުރެވި، ކުރެވެމުންދިޔަ ވެރިކަމެކެވެ. އެހެން ނަމަވެސް، އެގޮތަށް ކަންތައްތައް ނުކުރައްވާނެ ކަމަށާއި، ގިނަ ބަޔަކާ ގުޅިގެން، މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، މިގޮތަށް މަސައްކަތް ކުރަމުން ދިޔައިމާ، އޭގެ ސަބަބުން ސިޔާސީ މަސްރަޙަށްވެސް ހަމަހިމޭންކަމެއް އައިސް، ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް މިކަންކަން ކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.