ސަރަޙައްދީ ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީން މިހާރު ދެއްވަމުން ގެންދަވާ 30 ޕަސެންޓްގެ ޢިނާޔަތުން ދުންފަތުގެ ބާވަތްތައް އިސްތިސްނާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅެންއޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ، ދުންފަތުގެ ބާވަތުގެ އަގު މަތިކުރުން ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ވާރލްޑް ބޭންކުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަން ފާހަގަކުރެއްވިއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ޒުވާނުންނާއި މީހުންގެ އަދަދު މަދުކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތަކުން ނެގޭ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދުންފަތުގެ ޞިނާޢަތުގެ ނުފޫޒުން ސަލާމަތް ކުރުމަކީވެސް މުހިންމު ކަމެއްކަމަށް މެންބަރުން ވިދާޅުވިއެވެ.

ރާއްޖޭގައި ދުންފަތަށް ޚާއްޞަ މިންވަރެއް ކަނޑައެޅިގެން ނެގޭ ހަމައެކަނި ޓެކްސްއަކީ އިމްޕޯޓް ޑިއުޓީ ކަމަށްވެފައި، ޤާނޫނު ނަންބަރު 79/31 ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނެވުނު 9 ވަނަ އިޞްލާޙު، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީވަނީ އިތުރުކުރެވިފައެވެ. އެހެން ނަމަވެސް، ސަރަޙައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަލުން 30 އިންސައްތަ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި ކެބިނެޓްގެ ޖަލްސާއިން ނިންމަވައި، އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިކަން ތަންފީޛުކުރަންވަނީ ފަށާފައެވެ.

ސަރަޙައްދީ ބަނދަރުތަކުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީއަށް ލުޔެއް ލިބިގެން ދިޔުމަކީ، ދުންފަތުން ނެގޭ އިމްޕޯޓް ޑިއުޓީ މަތިކުރުމުގެ މަޤްޞަދާ މުޅިން ޚިލާފު ކަމެއް ކަމަށް، މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

2011 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބެލިނަމަވެސް، 203.5 މިލިއަން ސިނގިރެޓް އެތެރެކޮށްފައިވަނީ، 30 ޕަސެންޓްގެ ޑިއުޓީ ޢިނާޔަތާ އެކުގައެވެ. ރާއްޖެއަށް އަހަރަކު އެވްރެޖްކޮށް އެތެރެކުރެވެނީ، 346 މިލިއަން ސިނގިރެޓް ކަމަށްވާއިރު، ރާއްޖެއަށް އެތެރެކުރެވޭ ސިނގިރެޓްގެ ގިނަ ޢަދަދެއް އެތެރެކުރެވެނީ، ސަރަޙައްދީ ބަނދަރުތަކުން ފުލް ޑިއުޓީ ނުދައްކާކަން މިކަމުން ދޭހަވެއެވެ. އެހެންކަމުން، މިކަން މިގޮތަށް ގެންދިޔުމުން، ޙަޤީޤަތުގައި ދުންފަތުގެ އަގުތައް ބޮޑުވާންޖެހޭ މިންވަރަށް ބޮޑެއްނުވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި އެކުލަވައިލެވުނު ބައިނަލްއަޤްވާމީ މުޢާހަދާ [ފްރޭމްވާރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް]ގެ ބައިވެރިއެއްގެ ޙައިޘިއްޔަތުން އެ މުއާޙަދާގައި ބަޔާންވެގެންވާ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ދިވެހިރާއްޖެއަށް ލާޒިމްވެގެންވެއެވެ. މީގެތެރޭގައި، ދުންފަތުގެ ވިޔަފާރިތަކަށް ޓެކްސް އަދި ވިޔަފާރި ފީ މަޢާފްކޮށްގެންވިޔަސް، އެއްވެސް ލުޔެއް ދިނުމަކީ، ކަނޑައެޅިގެން ނުކުރުމަށް ބަޔާންކުރެވިފައިވާ ކަމެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދުންފަތުގެ ބާވަތްތައް، ސަރަޙައްދީ ބަނދަރުތަކަށް ބޭލުމަށްފަހު، 30 ޕަސެންޓް އިމްޕޯޓް ޑިއުޓީ ރިބޭޓެއް ލިބޭގޮތަށް އޮތުމަކީ، ދުންފަތުގެ ބާވަތްތަކުގެ ރީޓެއިލް އަގުހެޔޮވެ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެ މަގުފަހިވެގެންދާނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ސަރަޙައްދީ ބަނދަރުތަކަށް މުދާ ބާލާ ނިސްބަތުން އެންމެ ގިނައިން ބާލަނީ ދުންފަތުގެ ބާވަތްތައްކަންވެސް، މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. މިހެން މިކަންކަން ހުރުމާއެކު، ސަރަޙައްދީ ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ޑިއުޓީން މިހާރު ދެއްވަމުން ގެންދަވާ 30 ޕަސެންޓްގެ ޢިނާޔަތުން ދުންފަތުގެ ބާވަތްތައް އިސްތިސްނާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވީއެވެ.