ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމަށާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް ބޭފުޅުން ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ، ހެންވޭރު ހުވަދޫ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު އޮޅުހާ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މިދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

އަލްފާޟިލް ޢަބްދުﷲ ޖިހާދު މިހާތަނަށް ހުންނެވީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގައެވެ. އެ ކޮމިޝަންގެ މެންބަރުކަމުން އެމަނިކުފާނު މިއަދު ވަނީ އިސްތިޢުފާ ދެއްވާފައެވެ.