ކުރީގެ ޚާރިޖީ ވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި، ސޮއި ކުރެއްވުމަށް މިއަދު އެމިނިސްޓްރީއަށް ވަޑައިގެން އެފޮތުގައި ލިޔުއްވި ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ރާއްޖޭގައި އެންމެ ގިނަ ދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅަކީ، އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލުކަން ފާހަގަކުރައްވައި އެމަނިކުފާނަކީ، އެނޫންވެސް ކިތަންމެ ގޮތަކުން ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްއުސްތާޛު އަލްމަރްހޫމް ފަތުޙުﷲ ޖަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.