ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިލްޑާ ހެރަލްޑްސްޓެޑް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ނޯވޭ ސަފީރަށް އެރުވިއެވެ. މިގޮތުން ސަރުކާރުން އެކުލަވާލައްވާފައިވާ މަގުޗާޓާއި، ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ މަޢްލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރީގެ ސަރުކާރުން ފަށްޓަވާފައިވާ، ރާއްޖެއަށް މިވަގުތު ބޭނުންތެރި އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. ޚާއްޞަ ގޮތެއްގައި ސަރުކާރުގެ ކާބަން ނިއުޓްރަލް ސިޔާސަތު ފަދަ ތިމާވެށީގެ ރައްކާތެރިކަމަށް ފެށިފައިވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޯވޭ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަމަން ޤާއިމްކުރުމަށް ކުރެވެމުންދާ ކާމިޔާބު މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ކަންކަން ޙައްލުކުރުމުގައި މަޝްވަރާގެ އުސޫލު އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޑިމޮކްރަސީ ރައްކާތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ނޯވޭ ސަފީރުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.