ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ކުރިއަށްގެންދާ މަޝްވަރާތަކުގެ ސަބަބުން، މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިގޮތުން، އެމް.ޑީ.ޕީ.އިން ހުށަހެޅި އަވަސް އިންތިޚާބެއް ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަޝްވަރާވެސް ހިމެނޭގޮތަށް އެކުލަވާލެވުނު ހަތް ޕޮއިންޓްގެ އެޖެންޑާ، ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަކުރައްވައެވެ.

މީގެއިތުރުން، ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، މަޝްވަރާތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. އަދި ދުސްތޫރީ ހަމަތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމް ކުރެވޭނެ ނަތީޖާތަކެއް ނެރެވޭފަދަ ގޮތަކަށް، މި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.