ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި، އަލަށް އެކުލަވާލައްވާފައިވާ މަގު ޗާޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އެމެރިކާ ސަފީރަށް މަޢުލޫމާތު އެރުވިއެވެ. އަދި ރާއްޖޭގެ ޢަދުލު އިންސާފުގެ މައްޗަށް ބާރު ނުފޯރުއްވާނެކަމުގެ ޔަޤީންކަން އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވެ، އެކަމުގައި އެމެރިކާ ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ކުރިއަށް އޮތްތާނގައިވެސް ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.