14 ޖަނަވަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް މިނިވަންކަމާއެކު ބަލައި ހޯދުމަކީ ކޮންމެހެން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ، އެކަން ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ"އެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ އިސްބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އަލްފާޟިލް އިސްމާޢީލް ޝަފީޢުއެވެ. އެމަނިކުފާނުގެ އިތުރުން، ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، އަލްފާޟިލް އަޙްމަދު މުޖުތަބާއާއި، ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނެރުއްވި ޤަރާރުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތައް ބައްލަވައި، އެކަންކަން ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ކަށަވަރުކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ. އަދި 14 ޖަނަވަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ހޯއްދަވައި ބެއްލެވުމަށްފަހު، އެކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެކުލަވާލައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި އެޓަރނީ ޖެނެރަލަށް ހުށަހެޅުއްވުމަށް މި ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.