ޤައުމުގެ މާލީ ޙާލަތާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި މާލީ ޙާލަތާގުޅޭ ބައެއް މުހިންމު ކަންކަން ޢާންމު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދު، ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިއަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި، މުހިންމު އިޤްތިޞާދީ މިންގަނޑުތަކާބެހޭ މަޢްލޫމާތު، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި، ވަޒީރުންގެ މަޖިލީހުގެ ތިން ބޭފުޅަކު، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރި ކުރައްވައި މިމަޢްލޫމާތުތައް މިރޭ ދެއްވުމަށްވެސް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެންނަވަންޖެހޭ ބައެއް ބަދަލުތައް ހުރުމާއެކު، އެބަދަލުތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.