ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ކަމެއް ކޮށްފައިވާނަމަ ނުވަތަ އެއްވެސް ފަރާތަކާ ދޭތެރޭގައި ކޮރަޕްޝަންގެ ތުހުމަތެއް ކުރެއްވޭނަމަ، އެކަންކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށާއި، ސަރުކާރުން އެއްވެސް ހާލެއްގައި އެކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒު ނުފޯރުއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް، އެދެބޭފުޅުންގެ މަސައްކަތްތައް ހިންގެވުމުގައި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، އެމަނިކުފާނު ނެރުއްވާ ރިޕޯޓުތަކުގައި އޮފީސްތަކުން އަޅުއްވަން ދަންނަވާ ފިޔަވަޅުތައް ބައެއް އޮފީސްތަކުން އަޅުއްވަމުން ނުގެންދަވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގައިވާ ކަންކަން ތަންފީޛު ކުރެއްވުމުގައި ހުރިހާ ވުޒާރާތަކެއްގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައްވެސް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކުން އަޅުއްވަން އަންގަވާ ފިޔަވަޅުތައް އަޅައިގެން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ސަރުކާރުގެ އެކި އިދާރާތަކުން ކަންކަން ކުރައްވައިގެން ކަމުގައި ވިދާޅުވިއެވެ.