ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކުގެ ވަރުގަދަކަން، އިހުނަށްވުރެ ބަދަހިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ސިފައިންގެ ހުރިހާ ރޭންކްތަކެއް ގުޅިލާމެހިގެން ކުރުމަށް ދިވެހި ސިފައިންނަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިކަމަށް އިލްތިމާސް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ދިވެހި ސިފައިންނާ ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި، ސިޔާދަތުގެ ދިފާޢުގައި އަބަދުމެ ފާރަވެރިވެ ތައްޔާރުގައި ތިބޭ މިޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިފައިންނަކީ، ޤައުމީ އެއްބައިވަންތަކަމާއި، ދިވެހިންގެ އަމިއްލަވަންތަކަން ޙިމާޔަތް ކުރުމާއި އަދި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ތައްޔާރުގައިތިބި ބައެކެވެ. މާޒީގެ ޞަފްޙާތަކުގައި ދިވެހި ސިފައިންވަނީ އެކަން ވަރަށް ފުރިހަމައަށް ދައްކައިދީ ސާބިތުކޮށްދީފައެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިފައިންނަކީ، ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ވާޖިބަށް އިސްކަންދީގެން ރެޔާދުވާލު މަސައްކަތްކުރާ ޤައުމީ ޚިދުމަތުގެ ކުރީ ސަފު ކަމަށާއި، ސިފައިންނަކީ، ރައްޔިތުންގެ ޚިދުމަތުގައި ތިބި ރައްޔިތުންގެ ޚާދިމުންތަކެއް ކަމަށްވާތީ، މިސަބަބުތަކަށްޓަކައި، ދިވެހިން ފަޚުރުވެރިވާ ހިތްވަރުގަދަ ސިފައިންގެ ލަޝްކަރާ ބައްދަލުކުރެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް މަތިވެރި އުފާފުޅަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސިފައިން ވެވަޑައިގެންނެވި އެކި ޤުރްބާނީތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ، ހުޝިޔާރު، ޤާބިލު ބައެއްކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށް ތިބޭ ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ބައެއްކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ސިފައިންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ޒަމާނީ ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް، އުޅުންތަކާއި ގުޅުންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމީ ގަބޫލުކުރަންޖެހޭ ޙަޤީގަތެއްކަން ބަޔާންކުރެއްވިއެވެ. އަންނަމުންދާ އަވަސް ބަދަލުތަކާއެކު އަޅުގަނޑުމެން ނޭދޭ ކަންތައްތަކެއްގެ ކަޅުވިލާތައް، ރާއްޖޭގެ މައްޗަށް އަރަމުންދާކަން ފާހަގަކުރައްވަމުން، ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައިއޮތް އިސްލާމީ އަދި އިންސާނީ މަތިވެރި ސިފަތަކާއި، ހަރުދަނާ އުޞޫލުތައް ނެތެމުން ފަނޑުވަމުންދާކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިއީ، ފުންކޮށް ވިސްނާ ފިކުރުކުރަންޖެހޭ ޤައުމީ މައްސަލައެއް. ޒަމާނީ ޑިމޮކްރަސީއެއް ގެންނަން މަސައްކަތްކުރާއިރު، ޚިޔާލު ތަފާތުވުމަކީ ކުރިމަތިވާނެ ކަމެއް. ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. ނަމަވެސް، ފިތުނަފަސާދައާއި، ޙަސަދަވެރިކަމާއި ރުޅިވެރިކަމުގެ ކުރި، މިދެންނެވުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ފަޅަން ފުރުޞަތު ނުދިނުމަށް، އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަންޖެހޭ. ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި ހައްދުފަހަނަޅައި ދިޔުމުގެ ވިސްނުމާއި، ޢަމަލުތައް މަދުންނަމަވެސް މިދަނީ މިޤައުމުގައި ތަޖުރިބާ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޭދެވޭ ކަންތައްތަކަކަށް ހިތްވަރު ދިނުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެބުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމުންދާ ބަޔަކު، މަދުންނަމަވެސް ތިބިކަމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ޢަމަލުތައް، ޢާންމު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް އެކަމާމެދު ކަންބޮޑުވާނެ ކަންކަމެވެ. މިއީ ޤައުމީ ފެންވަރުގައި ހުއްޓުވަންޖެހޭ ކަންތައްތަކެވެ.

މިއަދު މި ޤައުމުގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ، ސިފައިންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، މިއަދުގެ މި ޙާލަތުން ރަނގަޅު ހާލަތަކަށް ދަތުރުކުރުމަށް، ދިވެހި ސަރުކާރުންނާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންވެސް އަގުހުރި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތު މި ޤައުމު އެދެނީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޤައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ކަމަށާއި، ކެތްތެރިކަމާއި ޤާބިލުކަމާއެކު ޤައުމީ ޚިދުމަތުގައި ސާބިތުވެ ދެމިތިބުމަށްވެސް ޤައުމު އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ހިތްތަކުގައިވާ ދީނީ ރޫޙާއި ޤައުމީ ލޯތްބަކީ ވަރަށް ވަރުގަދަ ބާރެއްކަން ފާހަގަކުރެއްވޭ ކަމަށާއި، ފިކުރީގޮތުން ސިފައިންގެ ހިތްތަކާ ކުޅެވޭވަރަށްވުރެ، ސިފައިންގެ ޢަޒުމް ވަރުގަދަވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ ސަލާމަތީ ބާރުތަކަކީ، ބައެއް ޙާލަތްތަކުގައި މަދުބައެއްގެ ނަފުރަތާއި ހިތްހަމަނުޖެހުމާ ކުރިމަތިލާން ޖެހިދާނެ ބައެއް ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވެވަޑައިނުގެން ސާބިތުކަމާއެކު، ޤައުމީ ޚިދުމަތުގައި ދެމިތިއްބެވުމަށް، ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. ސިފައިންގެ ވެލްފެއަރ ކަންތައް ހަރުދަނާ ކުރައްވައި، ރަނގަޅު ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިންނަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން، ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ދެއްވިއެވެ.