އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރެވޭ ޘަޤާފަތެއް، ރާއްޖޭގައި ޤާއިމު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ތަރައްޤީ ކުރައްވައި ހަރުދަނާ ކުރެއްވުމަށް އެ ކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި އެހެނިހެން މުއައްސަސާތައް ހަރުދަނާކޮށް، އެ މުއައްސަސާތަކުގެ މަސައްކަތްތައް ހިންގުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އަންހެނުންނާއި ކުޑަކުދިންނަށް ދޭންޖެހޭ އަހަންމިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި ދެވިފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތެރެއިން މިކަމަށް އެޅުއްވެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވައި، ކުޑަކުދިންނާއި އަންހެނުންގެ އެކި ކަންތައްތައް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް ޢަޒްރާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވެ، އެމަނިކުފާނު މިއެކުލަވާލައްވާފައިވާ މަގުޗާޓަކީ ރާއްޖޭގެ ހަމަޖެހުމަށާއި އަމަންއަމާންކަމަށް ވަރަށް މުހިންމު މަގުޗާޓެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ޢަދުލްއިންޞާފުގެ ދާޢިރާ ވަރުގަދަ ކުރެއްވުމަކީ، ހިއުމަން ރައިޓްސްއަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، އެކޮމިޝަނުން އެކުލަވާލައްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައި ކޮމިޝަންގެ ރައީސާ ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާގެ ވާހަކަފުޅުގައި، ރާއްޖޭގައި އަމަންއަމާންކަން ޤާއިމު ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރުން ކަމުގައި ވިދާޅުވެ، ޕެރޯލް ބޯޑުގެ ދައުރު ހަރުދަނާ ކުރުމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ހިއުމަން ރައިޓްސްގެ ކަންތައްތައް ރާއްޖޭގައި ހަރުދަނާ ކުރުމަށްޓަކައި ކުރައްވަން ރާވާފައިވާ ކަންތައްތަކާއި، ހިންގަވަން ގަސްދުކުރައްވާ ކަންކަމާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަންގެ މެންބަރުން ދެއްވިއެވެ.