ޤައުމީ ފުޓްބޯޅަ ޓީމަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޭ.އެފް.ސީ ޗެލެންޖް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރު ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ޢިނާޔަތެއް ދެއްވުމުގެ ކަންތައްތައް އަލުން ފަށްޓަވަން ގަސްދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ފުޓްބޯޅައަކީ ހުރިހާ ދިވެހިން އެންމެ ލޯބިވާ ކުޅިވަރުކަމާއި، މި ކުޅިވަރަށް ހިތްވަރުދީ ކުރިއަށް ގެންދިޔުމަށް، ދިވެހި ޤައުމު އޮތީ އެއްވެސް ތަފާތު ކަމެއްނެތި ހުރިހާ އެންމެން އެއްގަލަކަށް އަރައި، އެކުވެރިކަމާއެކީގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ދިވެހިންގެ އުންމީދުތައްވަނީ ފުޓުބޯޅަ ޓީމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، މިމުބާރާތުގައި މޮޅަށް ކުޅެ ކާމިޔާބު ހޯދުމަށް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވިއެވެ.