ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، އެމަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި ހޮސްޕިޓަލުން ކަންކަން ރާއްވަވާފައިވާ ގޮތް ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި، ހޮސްޕިޓަލުގައި ތިބި ބައެއް ބަލި މީހުންގެ ހާލުވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އައި.ޖީ.އެމް.އެޗް.އަށް ޒިޔާރަތް ކުރެއްވި ކުރެއްވުމުގައި، ޚަބަރުފަތުރާ ބައެއް ވަސީލަތްތަކާ ބައްދަލުކުރައްވައި، އައި.ޖީ.އެމް.އެޗްގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށާއި، ޒަމާނީ ވަސީލަތްތައް ހޯއްދެވުމަށް ވަރަށް ރަނގަޅު ކަންތައްތަކެއް ފެށިފައި އެބަހުރި ކަމަށާއި، އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.