ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ބޭފުޅުން ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ، ހުވަދުއަތޮޅު އުތުރުބުރި މާމެންދޫ ސަޢީދު މަންޒިލް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ދިމްޔާތު ޑޮކްޓަރ މުޙަންމަދު މުޢިއްޒެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މިދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.