ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަކީ، މިވަގުތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ، އެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ. މި ދަންނަވާލަނީ އެ ނޫސްބަޔާނެވެ.

"މިއަދަކީ ރާއްޖޭގެ އެންމެހާ ރައްޔިތުން ކެތްތެރިކަމާއެކު، ޤާނޫނުއަސާސީ ނަގަހައްޓައި، ޤާނޫނުތަކުގެތެރޭގައި ޙަރަކާތްތެރިވުމުގައި، އާ ހިތްވަރެއްގައި މަސައްކަތް ކުރަންވީ ވަގުތެވެ. ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަކީ، މިވަގުތު ރައީސުލްޖުމުހޫރިއްޔާ އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަންތަކެވެ.

ހުރިހާ ލޮބުވެތި ރައްޔިތުންގެ ލާބައަށްޓަކައި، ވީހާވެސް ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭގޮތަށް، ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެބަގެންދަވައެވެ. ވަޒީރުންގެ މަޖިލިސް ޢައްޔަން ކުރެއްވެންދެންވެސް، ސަރުކާރުގެ ކަންތައްތައް އަދި ޢާންމު ރައްޔިތުންނަށް ސަރުކާރުން ދެއްވަންޖެހޭ އެންމެހާ ޚިދްމަތްތައް މެދުނުކެނޑި ދެމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ."