ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ގަލޮޅު މިއަލަނިގޭ އަޙްމަދު ޝިޔާމް، މޭޖަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރައްވައި، އެ މަގާމަށް ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު ޝިޔާމް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ޝިޔާމް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ޙުރްމަތްތެރިކޮށްހިއްތެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަގާމުގެ ވާޖިބު އަދާކުރެއްވުމުގައި، ޤައުމުގެ ދިފާޢަށާއި، އިސްތިޤްލާލަށާއި، ސަލާމަތަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު ޝިޔާމް މިހާތަނަށް ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ ބްރިގޭޑިއަރ ޖެނެރަލްގެ މަގާމުގައެވެ.