ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމު ކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަކީ، ދިވެހި ދައުލަތުގެ ފައިސާއާއި މުދާ ހޭދަކޮށްގެން ހިންގާނޭ ދިވެހި ދައުލަތުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށް ކަނޑައަޅުއްވައި، ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ޙުކުމް ތަންފީޛު ކުރެއްވުމަށް، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށާއި، އެކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރސްގެ އެންމެހާ މެންބަރުންނަށާއި، ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގަވައި، އެކަމުގެ ޤަރާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނެރުއްވައިފިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 247 ވަނަ މާއްދާއަށާއި، 250 ވަނަ މާއްދާއަށާއި، 97 ވަނަ މާއްދާއަށް ޙަވާލާދީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމު ކުރުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުގައި އޮތް ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދެ ޗެނަލްގެ ގޮތުގައި ބަލަންޖެހޭ ތަންތަން ކަމަށްވަނީ ކަނޑައަޅުއްވާފައެވެ. އަދި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމު ކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކީ، އެ ޤާނޫނުގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތައް، ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި، އެތަންތަނަށް ދޫކޮށްފައިވާ ފްރީކްއެންސީތަކާއި، ހުރިހާ ވެހިކަލްތަކާއި، ފަރުނީޗަރާއި، އާލާތްތަކާއި، ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއާއި، އެތަންތަނުގެ އަރުޝީފު ހިމެނޭ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށަށް ބަދަލުވެގެން ގޮސްފައިވާ ތަންތަން ކަމުގައިވެސް ވަނީ ޙުކުމް ކުރައްވާފައެވެ.