ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޏިޔާނޭޝްވަރު މުލޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ހައިކޮމިޝަނަރ މުލޭ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެ، އިންޑިޔާއިން ދިވެހި ސަރުކާރަށް ތާއީދުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ އަމާޒަކީ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމުގައި ވިދާޅުވިއެވެ.