ޝަރުޢީ އެއްވެސް ދާއިރާއަކަށް ނުފޫޒެއް ނުފޯރުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އެންމެ ފުރަތަމަ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޯޓްތަކުންނާއި ޝަރުޢީ މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، އެއްވެސް ނުފޫޒެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އެންމެބޮޑު ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވަނީ، ޤާނޫނުގެ ބާރު ދެމެހެއްޓެވުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓެވުން ކަމުގައި ވިދާޅުވިއެވެ. އަދި އެންމެބޮޑު އިސްކަމެއް ދެއްވާނީ، ޤާނޫނީ ދުސްތޫރީ ވެރިކަން ނެގެހެއްޓެވުމަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނުގެ ޢަޒުމަކީ، ސަރުކާރުގައި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުހިންގެވުމެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމާއި، އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ މަޖިލީހަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަން ހާމަކުރެއްވިއެވެ. އަދި އެމަނިކުފާނު ގަސްތު ކުރައްވަނީ، ވީހާވެސް ގިނަ ސިޔާސީ ޕާޓީ އެކުލެވޭގޮތުން، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދެވުމަށް ކަމަށާއި، މިކަމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާ މިހާރު ވާހަކަފުޅު ދައްކަވަމުން އެބަ ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ޕާޓީ، އެމް.ޑީ.ޕީ.ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.