ޤައުމުގައި ކަންކަން ހިންގަވަމުން ގެންދަވާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ މިއަދު ޙަވާލުވެވަޑައިގެންނެވި ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާކުރެއްވުމަށްފަހު، ރާއްޖޭގެ ރައްޔިތުންނާ މިއަދު ހަވީރު މުޚާޠަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް، ސިފައިންގެ މީހަކަށްވިޔަސް، ފުލުހަކަށްވިޔަސް އަދި ޢާންމު ފަރުދަކަށްވިޔަސް، އަމުރު ނުކުރައްވާނޭ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދަކީ ޤާނޫނުއަސާސީގެ ސިޔާދަތު ކަނޑައެޅުނު ދުވަސް ކަމަށާއި، މި ލޮބުވެތި ދިވެހި ޤައުމުގައި، ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުނު ދުވަސް ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުގެ ވެރިކަން ޤާއިމްކުރެވި، ޤާނޫނުގެ ރައްކާތެރިކަން ދިވެހި ރައްޔިތުންނަށް ޔަޤީންވި ދުވަސް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިވޭތުވެދިޔަ ކުރު މާޒީގައި ދިވެހި ޤައުމުވަނީ ވަރަށްދަތި ދުވަސްތަކެއް ވޭތުކޮށްފައި ކަމަށާއި، އެހެން ނަމަވެސް، މިއަދު ދިވެހި ރައްޔިތުން ވަނީ ވަރަށްބޮޑު ނިންމުމެއް ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ނިންމުމުގެ މަތިން، ރައްޔިތުން އެދޭގޮތުގެ ބަސްބުނެ، ޤާނޫނުއަސާސީގެ ސިޔާދަތު ޤާއިމްކޮށް، ކޮންމެ އަގެއް ދައްކައިގެންވެސް، ޤާނޫނުގެ ވެރިކަން ޤާއިމްކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަފާތު ބޮޑު، މަޞްލަޙަތެއް ގެއްލިފައިވާ ދުވަސްތަކަކަށްފަހު، މިއަދަކީ ހުރިހާ ތަފާތުތަކެއް އެއްކައިރި ކުރުމަށްފަހު، އެއްބައިވާންވީ ދުވަހެވެ. ޤައުމުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުން ދޫކޮށް، މި ލޮބުވެތި ޤައުމުގެ ޙައްޤުގައި އަތުކުރި އޮޅާލަންވީ ދުވަހެވެ. މި ލޮބުވެތި ޤައުމަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ އަގުހުރި މަސައްކަތުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ އަމާނާތެއް ކަމަށްވުމާއެކު، މި ޤައުމަށް އެއްވެސް ގެއްލުމެއް ލިބިދާނޭފަދަ ކަމެއް ކުރުމުގެ ޙައްޤު، އަޅުގަނޑުމެންގެ ހަމަ އެއްވެސް މީހަކަށް ލިބިގެންނުވާކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި މި ލޮބުވެތި ޤައުމުގެ ޙައްޤުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށާއި، މުސްތަޤްބަލުގެ ޖީލުތަކުގެ ޙައްޤުގައި މަސައްކަތް ފަށައި، ޑިމޮކްރަސީއާއި ތަރައްޤީ އަދި ތަމައްދުންގެ އާ ދުވަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ވެރިކަމުގައި، ކުރީގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ބަދަލުހިފުމުގެ ގޮތުން ނުވަތަ އެނޫން ގޮތަކުންވިޔަސް، ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުމަށާއި، ޤައުމުގެ އަމާންކަމަށާއި، ޞުލްޙަމަސަލަސްކަމަށް އިސްކަންދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިވަގުތަކީ، ޙަސަދައާއި ރުޅިވެރިކަން އެކަހެރި ކުރުމަށްފަހު، ޤައުމުގެ މަޞްލަޙަތު އިސްކަންކުރަންވީ ވަގުތު ކަމަށްވާތީ، މިކަމަށް ސަމާލުކަން ދެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ޤައުމީ ދިފާޢީ ބާރުތަކަށާއި، ޢާންމު ފަރުދުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ހަމައެއާއެކު، މިދަނޑިވަޅުގައި، ޤައުމުގެ ޙައްޤުގައި ތެދުވެވަޑައިގެން، ކެރޭ، ތެދުވެރި ދިވެހި ދަރިންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރިކަމާއި އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވިއެވެ. ޚާއްޞަކޮށް، ދިވެހި ޤައުމުގެ ޙައްޤުގައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ޙިމާޔަތް ކުރެއްވުމުގައި، ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންނެވި ދިވެހި ފުލުހުންނަށާއި، ސިފައިންގެ ބޭކަލުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ލިބެންވާ އެންމެހާ ޙިމާޔަތް، މިއަދު މަގާމުން އިސްތިޢުފާ ދެއްވި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި، އެމަނިކުފާނުގެ ޢާއިލާއަށާއި ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.