بســم اللّـه الرّحمـن الرّحيــم

އާރކްގެ އެގްޒެކެޓިވް ޑައިރެކްޓަރ، އާރކްގެ އެންމެ އިސްވެރިން އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން

السّــلام عليــكم


އާދެ! އެންމެ ފުރަތަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އެއީ، އަދި މާގިނަ ދުވަސްތަކެއް ނުވާ ވަރަށް ޅަ އެން.ޖީ.އޯ.އެއް އާކަކީ. އެހެންނަމަވެސް، މިވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެބަ ފެނޭ، އާރކްގެ ފަރާތުން ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ތަން. ޚާއްޞަކޮށް ވިލިނގިލީގައި ހުރި ކުޑަކުދިންގެ ހިޔާގެ ކަންތައްތައް ބައްލަވައި، އެތަނަށް ގަވާއިދުން ޒިޔާރަތް ކުރައްވައި، އެތަނަށް ދެއްވަންޖެހޭ އެކިއެކި އެހީތެރިކަން ދެއްވަމުން ގެންދަވާކަން އަޅުގަނޑު މިއަދު ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން، އަމިއްލަ ޖަމްޢިއްޔާއަކަށް މިބާވަތުގެ ކަމެއްގައި ބޮޑެތި އެހީތަކެއްވެދިނުމަކީ. އެކި ފަރާތްފަރާތުގެ އެހީ ހޯދައިގެން މިބާވަތުގެ ކަންތައް ކުރެވޭނީ. އެހެންވީމާ، މިހާތަނަށް ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އަދި މިހާރު ސަރުކާރުގެ އެކިއެކި ވުޒާރާތައް ބައިވެރިކުރައްވައިގެން ސްޓޭކްހޯލްޑަރ ކޮންފަރެންސެއް މިއަދު ރާއްވަވައި އެފަރާތްތަކުން ދޭ ޚިދްމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ތިޔަކޮށްދެއްވާ މަސައްކަތަކީ، ވަރަށް ބޭނުންތެރި މަސައްކަތެއް. މިއިން ދޭހަވަނީ ހަމައެކަނި ސަރުކާރަކުންނެއް މިބާވަތުގެ ކަންތައްތައް އަބަދަކު ފުރިހަމައެއް ނުކުރެވޭނެކަން. ޚާއްޞަކޮށް އަމިއްލަ ޖަމާޢަތްތަކުގެ އެހީ މިކަންކަމުގައި ވަރަށް ބޮޑަށް ބޭނުންވެފައިވާކަން.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަކީ އެއީ، ދައުލަތުގެ އެހީ އެ ކުދިންނަށް ބޭނުންވެގެން ގެނެވިފައި ތިބި ކުދިން އެކިއެކި ސަބަބުތަކަކާހުރެ. އަދި އެގޮތުން އެހީ ބޭނުންވާ ކުދިންގެ އަދަދުވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުން. އެއީ، މުޖުތަމަޢުގައި ހުރި ތަފާތު ސަބަބުތަކަކާހުރެ. އޭގެ ތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ އެއްކަމެއް، އުޅޭނެތަނެއްނެތި، ގެދޮރުނެތި، ބިކަހާލުގައި ޖެހިފައިތިބި ބައެއް ޢާއިލާތައް. އެގޮތުން އަތޮޅުގެ ރަށްރަށް ދޫކޮށް، މާލެ އައިސްއުޅޭ ބައެއް ނިކަމެތި އަންހެނުން މީގެތެރޭގައި ހިމެނޭ. އެމީހުންނަށް އެމީހުންގެ ޢާއިލާ ބެލޭނެ ވަރުވެސް ނެތި ސަރުކާރުގެ އެހީއަށް ބޭނުންވެފައި އެބަތިބި. އެގޮތުން މިހާރު ސަރުކާރުގެ ފަރާތުން އަންހެނުންނާއި އަންހެން ކުދިން ތިބޭނެ ޝެލްޓަރެއްވެސް ވަނީ ޤާއިމުކުރެވިފައި. ނަމަވެސް، އެތާނގެ މަސައްކަތްވެސް ނުފެށި ލަސްވަމުން އެދަނީ އެކިއެކި ސަބަބުތަކަކާހުރެ.

ކުޑަކުދިންގެ ހިޔާގައި އަޅުގަނޑުމެންނަށް މި ޚިދްމަތް ދެވެނީ ކުޑަކުދިންނަށް. އެހެންނަމަވެސް، ހަމަހަމަ މަޖުބޫރީ ޙާލަތުގައި ބައެއް ފަހަރަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި ހުރި ގޮތުގައި، މަންމައިންވެސް އެބަ ބައިތިއްބަންޖެހޭ ކުރު މުއްދަތަކަށް. އެކަމު އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން އެއީއަކީ. އެހެންނަމަވެސް އެކަން އެހެން މިވާންޖެހެނީ އެކަމަށް އެހެން އިންތިޒާމެއް ހަމަޖެހިފައިނެތީމާ.

ޝައްކެއްނެތް، އެންމެ ރަނގަޅު ގޮތަކީ ހިޔާފަދަ ތަންތާނގައި، ޝެލްޓަރއެއްގައި ކުދިން ބައިތިއްބައިގެން ބެލުމެއް ނޫން. ގިނަ އަދަދެއްގެ ކުދިން އެއްތަނެއްގައި އެގޮތަށް ކެއަރ ގިވް އަސްގެ ބެލުމުގެ ދަށުގައި ބޭތިއްބުން، ދިގުމުއްދަތަކަށް ބޭތިއްބުން އެއީ އެހާ ރަނގަޅު ކަމެއްނޫން. އެކަން އަޅުގަނޑުމެންނަށް އެނގޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިބާވަތުގެ ކަންކަން ހިނގަމުންދާ ގޮތްވެސް އަޅުގަނޑުމެންނަށް ފެނިފައި ހުރީ. ބައެއް ތަންތަނުން ވަރަށް ނޭދެވޭ ނަތީޖާތައްވެސް އެބަހުރި ފެންނަން. އެހެންނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން ރާއްޖޭގައި ފުދޭވަރެއްގެ ރަނގަޅު ފެންވަރެއްގައި ކުރެވެމުން އެބަދޭ.

އަޅުގަނޑު، ކުޑަކުދިންގެ ހިޔާގެ ބޭފުޅުންނަށާއި މުވައްޒަފުންނަށްވެސް މިފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ގިނަ ފަހަރަށް އެގޮތަށް މަސައްކަތް ކުރާކަން އެއީ، މީހުން ދަންނަވެސް ކަމެއް ނޫން. އެކަން ދެނެގަނެގެން އެމީހުންނަށް ޝުކުރު އަދާކުރުމުގެ ފުރުޞަތެއްވެސް ވަރަށް މަދުން ނޫނީ ނުލިބި އެކަހަލަ ގޮތަކަށް މަސައްކަތް ކުރަމުންދަނީ. ވަރަށް އުނދަގޫ މަސައްކަތްތަކެއް، ރެޔާއި ދުވާލު އެބޭކަނބަލުން ޚާއްޞަކޮށް އަދި ބޭކަލުން ކުރައްވަމުން އެ ގެންދަވަނީ. އެހެންވީމާ، އެކަން ލުއިކޮށްދެއްވުމަށްޓަކައި އާރކްގެ ފަރާތުން މިކުރައްވާ މަސައްކަތަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޚިދްމަތެކޭ ކުޑަކުދިންނަށްޓަކައި ތިޔަދެއްވަނީ.

ދެން ކުރިން ދެންނެވިހެން މިކަމަކީ މިއީ، އެންމެ ޖަމާޢަތަކުން ކުރެވޭ ވަރުގެ ކަމެއްވެސް ނޫން. ކުދިންގެ ޢަދަދު ގިނަވަމުންދަނީ. އެހެންވީމާ، މިއަދު މިޖަލްސާއަށް ވަޑައިގެން، ކުޑަކުދިންނަށް ދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކިއެކި އެއްބަސްވުންތަކުގައި ސޮއި ކުރައްވަން ވަޑައިގެން ތިއްބެވި ކަމަށްޓަކައި އަޅުގަނޑު، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ޕްރޮގްރާމުން ފެންނަން އޮތް ގޮތުގައި ތަފާތު ކަންތައްތަކެއް އެބަ އެކުލެވޭ. އޭގެ ތެރޭގައި ކުޅިވަރުގެ އެކިއެކި ޙަރަކާތްތަކާއި އަދި ތަޢްލީމީ ކަންތައްތަކާއި ސްޕޯޓްސް އަދި މައިންބަފައިންނަށް އެހީތެރިވެދިނުމާއި މިބާވަތުގެ ކިތަންމެ ކަމެއް މި ލިސްޓުގައި އެބަ ހިމެނޭ. އެހެންވީމާ، އެ ހުރިހާ ކަންތައްތައް ކޮށްދެއްވުމަށްޓަކައި އާރކް އާ އެކީގައި ގުޅިވަޑައިގަންނަވައިގެން އެމަސައްކަތް ކޮށްދެއްވުމަށް ތިޔަބޭފުޅުން އެއްބަސްވެވަޑައިގަންނަވާތީ އަޅުގަނޑު، ހުރިހާ ބޭފުޅުންނަށްވެސް މަރްޙަބާ ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަކޮށްދެއްވާ ޚިދްމަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިޕްރޮގްރާމްގެ ތެރެއިން ތަރުބިއްޔަތު ކުރެވިގެން ނުކުންނަ ކުދިންނަކީ އެއީ، ޤައުމަށް ފައިދާހުރި، ރަނގަޅު އަޚްލާޤެއްގެ ކުދިންތަކަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. އަދި މުޖުތަމަޢުގައި އުޅެވޭ ވަރަށް، އެކުދިންނަށް ތަޢްލީމީ، ޞިއްޙީ ޚިދްމަތްތައް ލިބިފައި، އެކިއެކި ހުނަރުތައް ދަސްވެފައި ތިބި ކުދިންނަށް ވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.

އަޅުގަނޑު ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް އެދެނީ ހުރިހާވެސް ކާމިޔާބެއް. اللّـه سبحـانـه وتعـالى ތިޔަ މަސައްކަތުގައި ބަރަކާތް ލައްވައި ތިޔަބޭފުޅުންނަށް ކާމިޔާބު ދެއްވާށި! ވަރަށްބޮޑަށް ޝުކުރިއްޔާ.

والســّلام عليــكم