ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އިސްދުއަށް ވަޑައިގެން، އެ ރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އިސްދޫ ރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އިސްދޫގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމާ ބެހޭގޮތުންނާއި، އިސްދޫ ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި، އެ ސްކޫލްގެ ކްލާސްރޫމްތައް އިތުރުކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ދަނބިދޫއާއި އިސްދޫ، ކޯޒްވޭއަކުން ގުޅާލުމާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިސްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އިސްދޫ ސްކޫލަށާއި، ޞިއްޙީ މަރްކަޒަށް ޒިޔާރަތް ކުރައްވައި، އެތަންތާނގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި މަސައްކަތް މިހާރު ހިނގަމުންދާ، އިސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.