ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، އަދި ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. މީގެ އިތުރުން، ފޮނަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ހައްދުންމަތީ ގަމުގައި ޑައިވިންގ ވިލެޖެއް ހުޅުއްވައިދެއްވާނެއެވެ.

މީގެ އިތުރުން، "ކޮޅުމަޑުލު، ހައްދުންމަތި – ތަރައްޤީގެ ކުލަވަރު"ގެ ނަމުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް މިރޭ ގަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި، މި ދެ އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާނެއެވެ.