ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ދެވޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އެކިއެކި ފަރާތްތަކުން ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ތަރުބިއްޔަތު ކުރެވިގެން ނުކުންނަ ކުދިންނަކީ، ޤައުމަށް ފައިދާހުރި، ރަނގަޅު އަޚްލާޤެއްގެ ކުދިންނަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ކަންކަން ހިނގަމުންދާގޮތާ ބެހޭގޮތުން "އާކް"އިން އިންތިޒާމްކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި، މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުރު މުއްދަތެއްގެ ތެރޭގައި، އާކް ޖަމްޢިއްޔާއިން ކުރައްވާފައިވާ ގިނަ ބޮޑެތި މަސައްކަތްތައް ފާހަގަކުރައްވައި، އެޖަމްޢިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަކީ، ދައުލަތުގެ އެހީ ބޭނުންވެގެން އަންނަ ކުދިން ކަމަށާއި، މުޖުތަމަޢުގައި ހުރި އެކި ސަބަބުތަކާހުރެ އެފަދަ ކުދިންގެ ޢަދަދުވެސްދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެހާ ގިނަ ކުދިން، އެއްތަނެއްގައި އެގޮތަށް ބޭތިއްބުމަކީ، އެންމެ ރަނގަޅު ގޮތް ނޫން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ދެވޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ތަފާތު ޙަރަކާތްތައް ހިންގަވާނެ ފަރާތްތަކާއި، އެ މަރުކަޒުތަކާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުން އޮތެވެ. މިގޮތުން އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންގެ ފަރާތުން ސޮއިކުރެއްވީ، އެ މަރުކަޒުގެ ޕްރިންސިޕަލް މުޙަންމަދު ޢަބްދުﷲ އެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޑިރެކްޓަރ އާމިނަތު މުޙަންމަދެވެ. އަދި ފޭދޫފިނޮޅުގައި ހިންގަވާ ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރެންގެ ފަރާތުން ސޮއިކުރެއްވީ، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢުއެވެ.