ނޭޝަނަލް ސްކައުޓް ކައުންސިލާއި، ނޭޝަނަލް ސްކައުޓް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނަށް ޗީފް ސްކައުޓް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ވޮރަންޓް ޙަވާލުކޮށްދެއްވައިފިއެވެ. ވޮރަންޓް ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ބޭފުޅުންނަށް ވޮރަންޓް ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްކައުޓްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސްކައުޓްގެ ފިކުރުގައި، ސްކައުޓުންގެ އުޞޫލުތަކުގައި، އަމިއްލަ ދިރިއުޅުންވެސް އަދި ޤައުމީ ޙަޔާތްވެސް އާރަސްތު ކުރަމުން ގެންދަނީނަމަ، ކާމިޔާބުގެ އައްސޭރިއަކަށް ދިޔުމުގެ ފުރުޞަތު އަބަދުވެސް އެތައް ތަނަކުން ފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބަޔަކީ ޒުވާނުން ކަމުގައިވާއިރު، އެ ޒުވާނުންނަށް ޙަޔާތުގައި ދިމާވާ ކިތަންމެ ހުރަސްތަކަކާއި އުނދަގޫތަކެއް ކަޑައްތުކޮށް، އެމީހެއްގެ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ސްކައުޓްގެ ޙަރަކާތްތަކަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަންގެ ރައީސް އަދި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްކައުޓް ޙަރަކާތުގެ އެންމެބޮޑު އެއް ބޭނުމަކީ، ސްކައުޓްގައި އުޅޭ ކުދިންނަކީ، އިސްލާމްދީނަށާއި ޤައުމަށް ވަފާތެރި، އަދި އެހެން މީހުންނަށް އެހީތެރިވާ، ސްކައުޓްގެ ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ، މިކަމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މި ޙަރަކާތުގައި ބައިވެރިވާ ކުދިންގެ ޢަދަދު އިތުރުކުރުމަށްޓަކައި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި، އެހެނިހެން ޙަރަކާތްތަކުގެ އިންތިޒާމްތަކުގެ ތެރެއިން ސްކައުޓްގެ ޙަރަކާތް ހިންގުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ސްކޫލް ނިމިގެން ނުކުންނަ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށްވެސް، ސްކައުޓްގައި އުޅެވޭނެ ގޮތެއް ހޯދައިދިނުމާއި، އަދި ރާއްޖޭގެ ސްކައުޓް ޙަރަކާތުގައި ރާއްޖޭގެ މާޙައުލަށް ބޭނުންތެރި ކަންކަން ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ހިމެނެއެވެ.