ވާދަވެރި ފަރާތްތަކުން މިހާރު މާލޭގައި ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުންތަކުގައި، ނޫސްވެރިންނަށް ބޮޑެތި އަނިޔާ ލިބެމުންދާތީ ސަރުކާރުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މިގޮތުން ހޯމަދުވަހުގެ ރޭގެ ހަމަނުޖެހުންތައް ރިޕޯޓްކުރުމަށްދިޔަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނޫސްވެރިއެއް ކަމުގައިވާ މޫސާ ނައުޝާދަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާތީއާއި، އެމް.އެން.ބީ.ސީގެ އެޑިޓަރ ޠައްޔިބު ޝަހީމަށް ދީފައިވާ އަނިޔާތައް ފާހަގަކުރައްވައި، އެކަންވެސް ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައެވެ.

މިކަންކަން ކުށްވެރިކުރައްވަމުން، ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ސިޔާސީ ބޭނުންތައް ފުއްދުމަށް، ވާދަވެރި ފަރާތްތަކުން މާލެތެރޭގައި ހަމަނުޖެހުން އުފައްދައި ބިރުދައްކަމުން ގެންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބިރުވެރިކަމުން ސަލާމަތްވެހުރެ، ޚަބަރުތައް ރިޕޯޓްކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ޙައްޤަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކުރުމަށް ޒުހައިރު ގޮވާލެއްވިއެވެ.