بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى مُحَـمَّدٍ وَعلـى آلـه وصحبـه أجمـعـين.

ކްލީކް ކޮލެޖުގެ ޕްރެޒިޑެންޓް އަލްފާޟިލް ނައުޝާދު މުޙަންމަދު، ކޮލެޖްގެ ޑީން އަލްފާޟިލް އަޙްމަދު ނަދީމް، ކޮލެޖްގެ އެންމެހާ ވެރިން، ފެކަލްޓީ ސްޓާފް އަދި ހުރިހާ ދަރިވަރުން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިރެއަކީ ކްލީކް ކޮލެޖްގެ ތާރީޚުގައި އަޅުގަނޑު ދަންނަވާނީ މިހާތަނަށް ފާހަގަކުރެވޭ އެންމެ އުފާވެރި އެއްރޭ. ދުނިޔޭގެ ޕްރެސްޓިޖަސް ޔުނިވަރސިޓީއަކާ ގުޅިވަޑައިގަންނަވައިގެން އެ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމް ރާއްޖޭގައި ފަށްޓަވައި، ރާއްޖޭގެ ދަރިވަރުން އެޕްރޮގްރާމްގައި ބައިވެރިވުމުގެ އުފާވެރި ޙަފްލާ މިރޭ އަޅުގަނޑުމެން މިފާހަގަކުރަނީ. އެކަމަށްޓަކައި އަޅުގަނޑު ކްލީކް ކޮލެޖަށް ވަރަށް ޚާއްޞަ ގޮތެއްގައި މުބާރަކްބާދާއި ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ޑިގްރީ ޕްރޮގްރާމްތައް އަދި ހުރީ ވަރަށް މަދު ދާއިރާތަކެއްގައި. ޑިގްރީ ޕްރޮގްރާމްތަކުގައި އުޅެނީވެސް ވަރަށް މަދު ދަރިވަރުންތަކެއް. އެހެންވީމާ، މިފަދަ ބޮޑު މަސައްކަތެއް ފެށްޓެވިކަމީ އެއީ، ޤައުމަށްޓަކައި ތިޔަބޭފުޅުން ކޮށްދެއްވާ ވަރަށްބޮޑު ޚިދްމަތެއް.

އާދެ! ސްކޮޓްލެންޑްގެ މަޝްހޫރު އަދި މިހާ ގިނަދުވަސްވީ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމެއް ތިޔަބޭފުޅުންނާއެކީގައި ފަށްޓަވާކަމީ އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ދެންމެ މަޢްލޫމާތު ލިބުނު ގޮތުން، މި ޕްރޮގްރާމްގެ ފައިނަލް އިޔަރގައި، ޑިގްރީ ޕްރޮގްރާމްގެ ފައިނަލް އިޔަރގައި މިކޮލެޖުން ކިޔަވާފައި ތިބި ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމީ، މިކޮލެޖްގެ ފެންވަރު ވަރަށް ރަނގަޅަށް ދޭހަވެގެންދާ ކަމެއް. މިވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ކޮލެޖްގެ ފަރާތުން ޚާއްޞަކޮށް މެނޭޖްމަންޓް ދާއިރާއިން، ދިވެހިންގެ އެތައްސަތޭކަ ކުދިންނަކަށް ތަމްރީނުވަނީ ދެއްވާފައި. އަދި މީގެތެރެއިން، ގިނަ ކުދިން ވަނީ އެކިއެކި ވަޒީފާތަކަށް ގޮސްފައި. އެހެންވީމާ، މިއީ ތިޔަބޭފުޅުން މަތީ ތަޢްލީމަށްޓަކައި ޤައުމަށް ކޮށްދެއްވާ ވަރަށްބޮޑު ޚިދްމަތެއް. އެގޮތުން މަތީތަޢްލީމާބެހޭ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުންނާއި، ޤައުމުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު، ތިޔަބޭފުޅުންނަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

އާދެ! މަތީ ތަޢްލީމު އަޅުގަނޑުމެން ހޯދަނީ ފޮނި އުންމީދުތަކަކާ އެކީގައި. ވަރަށް ފޮނި އުންމީދުތަކަކާ އެކީގައި އަޅުގަނޑުމެން މަތީ ތަޢްލީމަށް ދަތުރުކުރަނީ. އެކަމަކީ ފުދޭވަރެއްގެ ބޮޑު ޚަރަދެއްކޮށް، އެކަމަށްޓަކައި ފުދޭވަރެއްގެ ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް. އެ ޕްރޮގްރާމް ނިމުމަށްފަހުގައި ޑިގްރީ އަޅުގަނޑުމެން ދެކޭ ހުވަފެންތަކެއް އެބަހުރޭ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން މަތީ ތަޢްލީމު ހާސިލު ކުރަން އަދި އެއަށްފަހުގައި ދިވެހި ޤައުމަށް ޚިދްމަތްކުރާ ކުޅަދާނަ އަޅުގަނޑުމެންގެ ދަރިންތަކެއް ކަމުގައިވުން.

އާދެ! މިގޮތަށް ދިވެހި ޤައުމަށް ޚިދްމަތް ކުރުމުގައި އަޅުގަނޑުމެންގެ ދަރިން ދެމި ތިބޭނީ ދިވެހިރާއްޖެއަކީ އުފާވެރި، ދިރިއުޅޭ ހިތްވާ ޤައުމަކަށްވެގެން. އަޅުގަނޑުމެންގެ ދަރިން، މަތީތަޢްލީމު ލިބުމުގައި ކުރާ އުންމީދުތަކުގެ ތެރޭގައި ހަމަޖެހޭ އަމާން މުޖުތަމަޢެއްގައި ދިރިއުޅުމުގެ އުންމީދު ވަރަށްވެސް ބޮޑު. އުފާވެރި ޢާއިލީ ޙަޔާތެއް ފަށާއިރު، އެމީހުންގެ ދަރިންނަށް ދުޅަހެޔޮ ޞިއްޙަތާއި ރަނގަޅު ތަޢްލީމެއް ހޯދައި ދިނުމަކީ އެންމެންގެވެސް އުންމީދު. އަދި ހިތްހަމަޖެހޭފަދަ ވަޒީފާތަކެއް ލިބި ޤައުމަށް ޚިދްމަތް ކޮށްދިނުމަކީ ހުރިހާ ކުދިންގެވެސް އުންމީދު. މިދެންނެވި ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ހެދޭނީ، އަޅުގަނޑުމެންގެ މިރާއްޖެއަކީ އަމާން ހަމަހިމޭން އުފާވެރި ތަނަކަށް ހެދިގެން. އަޅުގަނޑުމެން މިރާއްޖޭގައި އުޅޭނީ ރެޔާއި ދުވާލު ފިކުރު ކުރަންޖެހި ސަލާމަތްތެރިކަމެއް ނެތް ހައިޖާނުގަނޑެއްގެ ތެރޭގައި ކަމަށް ވެގެން، މިދެންނެވި އުންމީދުތަކާއި ހުވަފެންތަކެއް ހާސިލެއް ނުކުރެވޭނެ.

މަތީތަޢްލީމު ހޯދައިގެން ނުކުންނަ ކުދިން ޤައުމު ދެކެ މާޔޫސްވެ، ވެރިންނަށް އޮންނަ އިތުބާރު، ޤަދަރު ނެތި، އުފާވެރި އަލިމަގެއް ފެންނަން ނެތި، އުންމީދު އެލޭގޮތްވުމަކީ ޤައުމަށް ހުރި ވަރަށްބޮޑު ނުރައްކަލެއް. އޭގެ ސަބަބުން މަތީތަޢްލީމު ހާސިލުކުރާ ކުދިން އުފާވެރި އެހެން ތަންތަން ހޯދާ ޤައުމު ދޫކޮށް ހިޖުރަ ކުރުމަކީ އެކަށީގެންވާ ކަމެއް. ކުރިއަރަމުން އަންނަ ޤައުމުތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ބްރެއިން ޑްރެއިންގެ މައްސަލަ. ކިޔަވައިގެން ތިބި ޒުވާން، ކުޅަދާނަ ކުދިން ޤައުމު ދޫކޮށް އެހެން ތަންތަނަށް ވަޒީފާ ހޯދަން، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދަން ދިޔުން.

އާދެ! ތިޔަބޭފުޅުން ވިސްނާވަޑައިގެންފިނަމަ، އެނގިވަޑައިގަންނަވާނެ ފަހަކަށް އައިސް މިވޭތުވެދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަކީ، އުފާވެރި ތަނަކަށް ހެދުމަށްޓަކައި، އަޅުގަނޑުމެން އެންމެންގެ އިންސާނީ ޙައްޤުތައް ދެމެހެއްޓުމަށްޓަކައި، ރާއްޖޭގައި ޢަދުލުވެރި ވެރިކަމެއް ޤާއިމު ކުރުމަށްޓަކައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތާރީޚް ދުށް ނުރައްކާތެރި އެތައް ކަމަކުން ޤައުމު ސަލާމަތް ކުރެވިފައިވަނީ. އަދި މިޒަމާނުގެ ޑިމޮކްރެޓިކް ދުސްތޫރެއް މިޤައުމުގެ ރައްޔިތުންނަށް ވަނީ ލިބިފައި.

އާދެ! މި އާ ދުސްތޫރުގައި ވެރިކަމުގެ ބާރުތައް މިވަނީ ކުރިއާ ތަފާތު ގޮތަކަށް ކަނޑައެޅިފައި. އެ ބާރުތައް ހިންގޭނެ މިންވަރާއި ޙުދޫދުތަކާ ހުރީ ކަނޑައެޅިފައި ވަރަށް ސާފުކޮށް. އާދެ! ދަޢުލަތުގެ ތިންބާރު ކަމުގައިވާ ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު ވަކިކުރެވި، ޤާނޫނުގައިވާ ގޮތުގެމަތިން އުފެއްދިފައި މިވަނީ. ނަމަވެސް ތިޔަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑާ އެއްބަސްވެ ވަޑައިގަންނަވާނެ، އޭގެ ތެރެއިން، އެއްވެސް ބާރަކީ އަދި މިހާތަނަށް ޤާނޫނުއަސާސީގައިވާ ގޮތާއި، އޭގެ ރޫޙާ އެއްގޮތަށް އެންމެ ފުރިހަމައަށް ހިނގާ ބާރުތަކެކޭ ދެންނެވޭކަށް ނެތް. ކޮންމެ ދިމާއަކަށް ބަލާލިޔަސް ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. މިކަންކަމުގެ ޒިންމާ، މިޤައުމުގެ ތަޢްލީމީ ޒުވާނުންގެ ކޮނޑުގައި ނޭޅޭނެ އެއްވެސް ގޮތެއް ނޯންނާނެ.

އާދެ! މިދެންނެވި ބާރުތަކުގެ ފުރިހަމަކަން ހާސިލު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އިޙްތިރާމް ކުރުމާއެކު، އެއްބައެއްގެ އިހްތިސާސްއަށް އަނެއްބަޔަކު ނުފޫޒު ނުފޯރުވުން. އެއްބައެއްގެ ޤަދަރާއި ޢިއްޒަތަށް އަނެއްބަޔަކު އަރައިނުގަތުން. ޞުލްޙަވެރި ވެށްޓެއްގައި އެކުވެރިކަމާއި އެއްބާރުލުން ދިނުމަކީ، ޤައުމުގެ މަޞްލަޙަތު ލާޒިމުކުރާ ކަމެއް.

އާދެ! ޢަދުލުވެރި އިންސާފުވެރި ދަޢުލަތެއް ބިނާކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް މަޤްސަދު. ޢަދުލުއިންސާފު ޤާއިމު ކުރުމުގެ އެންމެ އިސްވެރިޔަކީ ޤާނޫނުއަސާސީ ވަރަށް ފުރިހަމައަށް ކަނޑައަޅާފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު. ވީމާ، ޖުޑީޝަރީއާބެހޭ މައްސަލ ަކުގައި އުއްތަމަ ފަނޑިޔާރު ނިންމަވާ ނިންމުންތަކަށް އެހެން ހުރިހާ ފަރާތްތަކަކުން ބޯލަބަން ޖެހޭނެ. އުއްތަމަ ފަނޑިޔާރުގެ ޤަދަރު ކަނޑުވާލުމަކީ، ޢަދުލު އިންސާފުގެ ބިންގާ ފުނޑުފުނޑު ކޮށްލުން. ޝައްކެއްނެތް، ޑިމޮކްރަސީ ޤާއިމު ކުރުމުގެ މަގުމަތީގައި މައްސަލަތަކާ ދިމާވާނެ. ނަމަވެސް ކޮންމެ މައްސަލައެއް ޙައްލު ކުރުމުގައި ދެކޮޅުވެރި، ވާދަވެރި އަދި ހަނގުރާމަވެރި ގޮތްތައް ގެންގުޅުމަކީ ނުރައްކާތެރިކަމެއް. މިކަންކަން ޞުލްޙަވެރިކަމާއެކު ޙައްލު ކުރެވޭނެ ގޮތްތައް އެބަހުރި. ހަމަގައިމުވެސް އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ދެކެވިދާނެ. އަދި ސީދާ ވާހަކަ ނުދެކެވޭނެނަމަ މީޑިއާޓަރެއް މެދުވެރިކޮށްގެންވެސް ވާހަކަ ދެކެވިދާނެ. ހަމަނުޖެހުންތައް ޙައްލުކުރަން ބޭނުންކުރާ އުޞޫލުތަކާ އެކަމުގެ މާހިރުން އެބަތިބި. ކޮންފްލިކްޓް ރިޒޮލިއުޝަންގެ ޕްރިންސިޕަލްތަކާއި އެކްސްޕަރޓުން ދުނިޔޭގެ އެތައް މިތާނގައި އެބަތިބި. އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތަކީ، އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ޙައްލު ކުރުން. ނަމަވެސް، އެ ފުރުސަތު ނެތް ހިނދެއްގައި ބައިނަލްއަޤްވާމީ ފަރާތްތައް ހިމަނައިގެންވެސް ޤައުމެއް ހަމަނުޖެހުމެއްގެ ތެރެއަށް ދިޔަނުދީ ވާންހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ. ޤައުމުގައި ފަރުދުންނަށް ޤާނޫނުއަސާސީ ލިބިދޭ އަސާސީ ޙައްޤުތަކުގެ ޔަޤީންކަން ނޯންނަ ހިސާބަށް ކަންކަން ގެންދިޔުމަކީ، އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން. ޤާނޫނީ ދައުލަތެއް ހިންގޭނީ ޤާނޫނުއަސާސީއަށް އެންމެންވެސް ފުރިހަމައަށް ބޯލަނބައިގެން. އަދި ޤާނޫނީ ބާރު ފުރިހަމައަށް ހިނގާކަމުގެ ޔަޤީންކަން ނިކަމެތި ރައްޔިތު މީހާއަށް ލިބިގެން. ދައުލަތުގެ މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިންނަށް، އެއްބަޔަކު އަނެއްބަޔަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން.

އާދެ! މިޤައުމަކީ ޒުވާން ޖީލުތައް އުޅޭ ހިތްވާ، ފާގަތި، އުފާވެރި، އަމާންތަނަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. ޤައުމު، އަޑި ނުފެންނަވަރުގެ ފުންވަޅުގަނޑަކަށް ވެއްޓުނަނުދިނުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގައި މަތީ ތަޢްލީމު ހާސިލުކުރާ ކުދިންނަކީ، މިފަދަ ކަންކަން ޙައްލު ކުރުމުގެ ޤާބިލުކަން ލިބިފައިތިބި ބަޔަކަށްވުން. ދިވެހިރާއްޖޭގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިމާވާ ދަތިކަންތައްތައް ޙައްލު ކުރުމުގައި ޞުލްޙަވެރި އުޞޫލުތައް ބޭނުން ކޮށްގެން ކުރިއަށް ދިޔުމުގެ ގާބިލުކަން ހުރި ބަޔަކަށްވުން.

އާދެ! މިއަދު މިކްލީކް ކޮލެޖްގައި މިފަށްޓަވާ ޑިގްރީ ޕްރޮގްރާމް ރަމްޒުކޮށްދެނީ މިދެންނެވި އުންމީދު. އަޅުގަނޑުމެން ދެކޭހިތްވަނީ، ބޭރުގެ ފެންވަރު ހުރި ޔުނިވަރސިޓީތަކާ އެކުގައި މިފަދަ ޕްރޮގްރާމްތައް ހުރިހާ ކޮލެޖްތަކެއްގައިވެސް ފެށިގެން ދިޔުން. އަދި ރާއްޖެއަކީ، މަތީ ތަޢްލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް ލިބެންހުރި ތަނަކަށްވުން.

އެނގިވަޑައިގަންނަވާނެ، ސްކޮޓްލެންޑަކީ ދިވެހިރާއްޖޭގެ ތަޢްލީމީ ތާރީޚްގައި ވަރަށްވެސް މުހިންމު ބައެއް އަދާކޮށްފައިވާ ތަނެއް. ދިވެހިރާއްޖޭގައި ތަޢްލީމުގެ ފުރުސަތު ފުޅާ ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރި މަސައްކަތުގެ ތެރޭގައި، ހެޑްމާސްޓަރުން ޓްރެއިން ކުރަން ފޮނުވި ތަނަކީ ސްކޮޓްލަންޑް. އެހެންވީމާ، މިއަދު އަނެއްކާވެސް ސްކޮޓްލަންޑުގެ މިހާ މަޝްހޫރު، މުޅި ސްކޮޓްލަންޑުން އެއްވަނައަށް އައިސްފައިވާ ޔުނިވަރސިޓީއަކާ އެކުގައި ތިޔަބޭފުޅުން މިމަސައްކަތް ފަށްޓަވާކަމީ އަޅުގަނޑުމެންގެ އުންމީދުތައް އާވެގެންދާ ކަމެއް.

އަޅުގަނޑު ދުޢާކުރަން، މިކޮލެޖަށް ކާމިޔާބު ދެއްވުން. އަދި މިކޮލެޖުގެ ދަރިވަރުންނަށް، ބައިވެރިވާ ހުރިހާ ކޯސްތަކެއްގައިވެސް މަތީ ވަނަތައް ހޯދުމުގެ ތައުފީޤް ﷲ ދެއްވާށި. އާމީން. އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى، މިޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ހެޔޮ ވިސްނުމާއި ކެތްތެރިކަން ދެއްވުން. މިޤައުމަކީ އަމާން، ޞުލްޙަވެރި، ތަޢްލީމީ ޢިލްމުވެރިންގެ މުޖުތަމަޢެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحمـةالله وبركا تـه.