މަދަނީ އިއްތިހާދުން މިހާރު ހިންގާ ސިލްސިލާ މުޒާހަރާތައް ވަގުތުން ހުއްޓަވާލެއްވުމަށާއި، ޤައުމީ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުގައި ހުންނެވި ޢަބްދުﷲ މުޙަންމަދު މިނިވަން ކުރެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އަދި ޢަބްދުﷲ މުޙަންމަދާމެދު ހުރި ހުރިހާ މައްސަލަތަކެއް ނިމެންދެން، ކޯޓުގެ ބެންޗްގައި ނުއިންނެވޭ ގޮތަށް ހަމަޖެއްސެވުމާއެކު، އޭނާގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަންކަމަށް ގޮވާލެއްވީ، މިހާރު މާލޭގައި ހިނގަމުންމިދާ މައްސަލަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ހާމަކުރެއްވުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މައްސަލަތައް ޙައްލު ކުރެއްވުމަށްޓަކައި، މިދެންނެވި ތިން ކަންތައް، ވެވަޑައިގެންނެވި އަވަހަކަށް ކޮށްދެއްވުމަށް، ކަމާބެހޭ ފަރާތްތަކަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މާލޭގައި ހިނގަމުންމިދާ މައްސަލަތަކާ ބެހޭގޮތުން އެމަނިކުފާނު މިހާތަނަށް ވިދާޅުވި އެއްޗެއް ވިދާޅުވެފައިވާނީ، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ޤައުމަށް ހެޔޮއެދޭ މީހެއްގެ ޙައިޘިއްޔަތުން އަދި އެމަނިކުފާނު ހުންނެވި މަގާމުގެ ގޮތުން، ވަކިފަރާތަކަށް ޖެހިވަޑައިނުގެން ކަމުގައި ވިދާޅުވިއެވެ. އަދި މިމައްސަލައަކީ، ދިވެހި ރައްޔިތަކު، ޤާނޫނީ އިމުގެ ބޭރުން ބަންދު ކުރެވިފައިވާތީ، ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، މި މައްސަލަ މިހާރު މިވަނީ ހޫނުވެފައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިމާވާ ކަންކަން، ޞުލްހަވެރިކަމާއެކު ޙައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު އަބަދުވެސް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ، މިހާރު ރަށުތެރޭގައި ހިނގަމުންމިދާ ހަމަނުޖެހުންތަކަށް ފިނިކަމެއް ގެނައުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި ހޫނު ބަސްތަކުން މުޢާމަލާތުކޮށް، ހޫނު ބަސްތައް ބަދަލުކުރުން ހުއްޓުވާލަންޖެހޭ ކަމަށާއި، އަދި ހަމަޖެހިލައިގެން، މިކަމާމެދު އަޅުގަނޑުމެން ވިސްނަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިކަމުގެ އެންމެބޮޑު ޒިންމާއެއް އުފުއްލަވަންޖެހޭ ފަރާތަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެ ކޮމިޝަންގައި ތިއްބެވީ، ކަމަށް ޤާބިލް، މޮޅު އަދި ރާއްޖޭގައި މިވަގުތު ނެގެން ތިބި އެންމެ ތަޢްލީމީ ބައެއް ބޭފުޅުން ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުން ދެންނެވި ސުވާލުތަކަށްވެސް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.